ގައުމަކީ މީސްތަކުންގެ ޖަމާއަތެއް ކަމަށާއި، މިފަދަ ޖަމާއަތެއް ގައުމަކަށް ވުމަށްޓަކައި ޝަރުތުކުރެވޭ އެތައް ކަމަކާއި އެތައް ސިފަތަކެއްވާ ކަމަށް، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ޤައުމީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަމުން ވަޒީރު ހީނާ ވިދާޅުވީ، ރާއްޖޭގެ އަދުގެ ހާލަތުގައި ގައުމީ ދުވަހާ ގުޅިގެން ވިސްނަންޖެހޭނީ ގައުމު ގައުމަކަށް ވީ ސަބަބުތަކާ މެދު ކަމަށެވެ.
ވަޒީރު ވިދާޅުވީ، ގައުމު ގައުމަކަށް ވެފައި ވަނީ ވެސް މި ޝަރުތުތައް ހަމަވެގެން، އެ ސިފަތަކާއި ޝަރުތުތައް ނުހަނު ވަރުގަދަ ވެގެން ކަމަށެވެ. ނަމަވެސް މިއަދުގެ ހާލަތުގައި އެކަން ކަމަށް އެނބުރި ބަލާލަން ޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިހުރިހާ ކަމެއް ގުޅުވައިގެން ބަލާއިރު ފެންނަނީ މިއިން ކޮންމެ ކަމެއްގެ ހާލަތު ބަދަލުވުމުގެ ކޮޅުމަތީގައިވާތަން ކަމަށް ވިދާޅުވެ ވަޒީރު ވަނީ، މިއަދު އަޅުގަނޑުމެންގެ އެންމެ ބޮޑު މަސްއޫލިއްޔަތަކަށް ވެފައިވަނީ އެ ބަދަލުތައް ހެޔޮ މިސްރާބަކަށް ގެނައުން ކަމަށެވެ.
ގައުމިއްޔަތު ދިރުވާ އާލާކޮށް އޭގެ ހަގީގީ މަގާމަށް އިޔާދަކުރުމުގެ ސިޔާސަތެއް އަދުގެ ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ މިފަދަ ގައުމީ މަސްއޫލިއްޔަތައް ހާސިލްކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މާޒީގެ ހަގީގަތްތަކާއި ފަހުރުވެރިކަމަކީ ހިތްތަކަށް ޖޯޝުގެނުވާ ކަށިން ހިތްވަރު ނެރެދޭ ކަމެއް ކަމަށާއި މާޒީގެ ތަޖުރިބާތަކަކީ މުސްތަގުބަލަށް ލޯހުޅުވައިދޭ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.