އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއިން ބާއްވާ ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން 2026 ރޭ ފަށައިފިއެވެ.

އެ ބައްދަލުވުން ރޭ އިފްތިތާހްކޮށްދެއްވީ އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަމަށްވީ އިރު، އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ވުޒާރާގެ މަސައްކަތްތަކުގައި ދީނީ އިލްމުވެރިންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް އިލްމުވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

އެ ވުޒާރާއިން ބުނީ، މިއަހަރުގެ އިލްމުވެރިންގެ އަހަރީ ބައްދަލުވުމުގައި 101 އިލްމުވެރިން ބައިވެރިވެފައިވާކަމަށާއި، އޮބްޒާވަރުންގެ ގޮތުގައި 22 ޒުވާން ހަތީބުންނާއި 13 އިމާމުންނާއި 24 އިސްލާމް މުދައްރިސުން ވެސް ބައިވެރިވެފައިވާ ކަމަށެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖައްސާފައިވަނީ، "21 ވަނަ ގަރުނުގައި އިސްލާމީ ދައުވަތު" މި ތީމްގެ މައްޗަށް ކަމަށް އެ ވުޒާރާއިން ބުނެ އެވެ. އަދި އިލްމުވެރިންގެ ބައްދަލުވުމުގެ އެކި ދަންފަޅިތަކުގައި ދީނީ އެކި މުހިއްމު މައުލޫއުތަކަށް ބަހުސް ކުރުމާއި ތަފާތު މައުލޫއުތަކަށް އިލްމުވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެ އެވެ.

އެ ވުޒާރާއިން ވަނީ، ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން އަލުން ބާއްވަން ފަށާފައިވަނީ 2024 ވަނަ އަހަރު ކަމާއި، 2025 ވަނަ އަހަރުވެސް މި ބައްދަލުވުން ބާއްވާފައިވާ ކަން ފާހަގަކޮށްފަ އެވެ. އަދި މި ބައްދަލުވުމަކީ ރާއްޖޭގެ ދީނީ އިލްމުވެރިން އެއް ތަނަކުން ބައްދަލުވެ، މުހިއްމު މައުލޫއުތަކަށް ވާހަކަ ދެކެވޭ މުހިއްމު ބައްދަލުވުމަކަށްވެފައި ވާކަމަށް އެ ވުޒާރާއިން ވަނީ ބުނެފަ އެވެ.