އައްޑޫ ސިޓީ އަށް އެންމެ މުހިއްމީ ވަޒީފާގެ ފުރުސަތުތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް"ގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، އައްޑޫ އަކީ މާލެއަށް ފަހު، އެންމެ އާބާދީ ބޮޑު ސިޓީ ކަން ފާހަގަކުރައްވާ، އައްޑޫ ސިޓީ އަށް ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ މަޝްރޫއުތައް ވަރަށް މުހިއްމު ކަމަށެވެ.

ރައީސް ވިދާޅުވީ ޓޫރިޒަމް ދާއިރާއިން އައްޑޫ ސިޓީ ތަރައްގީ ކުރުމަށްޓަކައި، ހަންކެޑެ ޕްރޮޖެކްޓާ، އާސޭރި ޓޫރިޒަމް ޕްރޮޖެކްޓުގެ އިތުރުން އެހެން ޕްރޮޖެކްޓުތައްވެސް ކުރިއަށް ގެންދަމުންދާ ކަމަށެވެ. އަދި މާ ލަސްތަކެއް ނުވެ އަމަލީ ގޮތުން މި ކަންތައްތައް ފެނިގެންދާނެ ކަމަށާއި، އެ މަސައްކަތްތައް ހުރީ ފައިނަލް ސްޓޭޖުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

އަމަލީ ގޮތުން އެ ކަންތައްތައް ފެންނާނެ މާލަސްތަކެއް ނުވެ، ވަރަށް ފައިނަލް ސްޓޭޖުގަ ކަންތައްތައް އެހުރީ. އެއާޕޯޓުގެ މަސައްކަތްވެސް ކުރިއަށް އެ ދަނީ، އައްޑޫ އަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ އިންވެސްޓުމެންޓުތަކަށް ފަހި ތަނަކަށް ހެދުމަށް މަޝްރޫއެއް، 3 އަހަރު ދުވަހުގެ ހާއްސަ މަޝްރޫއެއް މިއަންނަ އަހަރުން ފެށިގެން ހިންގުމަށް ރިޔާސީ ބަޔާނުގައި އިއުލާން ކުރިން، އެ މަސައްކަތްވެސް އެ ދަނީ ތައްޔާރު ވަމުން"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

މީގެ އިތުރުން އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ، އެއީ ބޮޑު މަޝްރޫއެއް ކަމަށެވެ. އަދި މަގުތައް ތަރައްގީ ކުރުމުގެ ތެރެއިން ލިންކު ރޯޑް ތަރައްގީ ކުރުމުގެ މަސައްކަތްވެސް ފަށާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އައްޑޫ އަދި އައްޑު އަތޮޅުގެ ތަރައްގީ އަށްޓަކައި އެތަނަށް ދޭން ޖެހޭ ސަމާލުކަންދީގެން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.