މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި ނޭދެވޭ އަސަރުތަކުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަން އާންމު ހާލަތަށް އިއާދަކުރެވިފައިވާކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޓުއަރިޒަމް އިންޓެލިޖެންސް ކުއާޓަލީ ބްރީފިންގައި ވާހަކަ ދައްކަވަމުން ވަޒީީރު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާޢަތާއި ސަރުކާރު ގުޅިގެން ކުރެވުނު މަސައްކަތުން ޖުލައި މަހުން ފެށިގެން އާންމު ހާލަތަށް ގެނެވިފައިވާ ކަމަށެވެ. އަދި އެފަދަ ބްރީފިންއެއް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ހުޅުވާލައި ރައްޔިތުންނާއި ރަށްރަށަށް އިތުރު ފުރުސަތުތައް ހޯދައިދިނުން ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
މީގެ އިތުރުންވެސް، މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ވައިގެ ދަތުރުފަތުރަށް އެރި ބުރޫއާއެކު ރާއްޖޭގެ ފަތުރުވެރިކަން ހަތަރު މަހަށް ދަށްވެގެން ދިޔަކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ކުރިމަތިވި ބޮޑު ގޮންޖެހުންތަކުން އަރައިގަތުމަށް ކުރި މަސައްކަތުން ވައިގެ ދަތުރުތަކަށް ބުރޫ އެރި ނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތާއި ސަރުކާރު ގުޅިގެން ކުރި މަސައްކަތުން ޖުލައި މަހުގެ ކުރީކޮޅު ފެށިގެން އާންމު ހާލަތަށް އިޔާދަކުރެވުނު ކަމަށެވެ.
ފަތުރުވެރިން ރާއްޖޭގެ މެހެމާންދާރީ ބަލައިގަނެ، ދެވަނަ ފަހަރަށް ރާއްޖެއަށް ޒިޔާރަތްކުރަން ބޭނުންވާކަން ތަފާސްހިސާބުތަކުން ދައްކާކަން ފާހަގަކުރައްވާ ވަޒީރު ވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 90 އިންސައްތަ މީހުން އެމީހުންގެ އާއިލާ މީހުންނާއި ރަހުމަތްތެރިން ރާއްޖެއަށް ޒިޔާރަތްކުރުމަށް އިރުޝާދު ދޭނެކަމަށް ބުނެފައިވާކަން މިދިޔަ އަހަރުގެ ފަތުރުވެރިކަމުގެ ވިޒިޓާ ސާވޭގެ ނަތީޖާތަކުން ދައްކާ ކަމަށް ވިދާޅުވެފަ އެވެ.
ވަޒީރު ވިދާޅުވީ، 90 އިންސައްތައަށްވުރެ ގިނަ މީހުން ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ރާއްޖެއަށް އައުމަށް ރިކޮމެންޑް ކުރާނެ ކަމަށް ބުނެފައިވާ ކަމަށާ، 80 އިންސައްތައަށް ވުރެ ގިނަ މީހުން ޗުއްޓީގައި ރާއްޖޭގެ ތަޖުރިބާއާމެދު އިންތިހާއަށް ހިތްހަމަޖެހޭކަން ހާމަކޮށްފައިވާ ކަމަށެވެ.
ފަތުރުވެރިކަމުގެ މާކެޓުތަކުގައި ގުޅުން އިތުރަށް ވަރުގަދަކޮށް، އައު މާކެޓުތަކަށް ފުރުސަތު ހުޅުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އޮސްޓްރޭލިއާއަށް މިހާރު ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް ފަށާފައިވާއިރު، އިތިއޯޕިއަން އެއާލައިންސްގެ ދަތުރުތައް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރު ފުރަތަމަ ކުއާޓާގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ސަރުކާރާއި ސިނާއަތުން ކުރަމުންދާ މަސައްކަތްތަކުން ފަތުރުވެރިކަމަށް ހެޔޮ ބަދަލެއް ގެނެވުނު ނަމަވެސް ހާލަތު އިތުރަށް ރަނގަޅުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
އެގޮތުން އަންނަ އަހަރު ވިޒިޓް މޯލްޑިވްސް އަހަރު ފާހަގަކުރުމުގެ މަގުސަދަކީ އެންމެހާ ފަރާތްތައް ގުޅިގެން ފަތުރުވެރިކަން އިތުރަށް ރަނގަޅުކުރުމަށް މަސައްކަތްކުރުން ކަމަށް ވަޒީރު ވިދާޅުވި އެވެ.އަދި ފަތުރުވެރިކަމުގެ ގައުމީ މަސައްކަތުގައި މުޅި ސިނާއަތުން ދެމުން އަންނަ އެއްބާރުލުމަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.