ކުޑަކުދިންނާއި ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންނާ ގުޅޭ މައުލޫމާތުތައް ރިޕޯޓުކުރުމުގައި މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާތަކަށް އިލްތިމާސްކޮށްފި އެވެ.
އެ ކޮމިޝަނުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ، މުޖުތަމައުގައި ހިނގާ އެކި ހާދިސާތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ މީޑިއާގެ އިޖުތިމާއީ ޒިންމާއެއް ނަމަވެސް، އެކަން ކުރަންވާނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރޭގައި ކަމަށެވެ.
އެ ކޮމިޝަނުން ވަނީ، ހާއްސަކޮށް ކުޑަކުދިންނާއި، އެކުދިންގެ ބެލެނިވެރިން އަދި ނާޒުކު ހާލަތްތަކުގައިވާ މީހުންގެ އަބުރާއި ކަރާމާތަށް އުނިކަން ނާންނާނެ ގޮތަކަށް އަމަލުކުރުމަށް ނޫސްވެރިންނަށް އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން، ކުޑަކުދިންނާއި ނާޒުކު ފަރާތްތައް ދެނެގަނެވިދާނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ ވަނަވަރެއް އާންމުކުރަންވާނީ ގާނޫނީ އުސޫލުތަކުގެ ތެރެއިން، ކަމާބެހޭ އިދާރާތަކުން ރަސްމީކޮށް ހާމަކުރާ މައުލޫމާތަށް ބިނާކޮށް ކަން ފާހަގަކޮށް އެ ކޮމިޝަނުން ބުނީ، ސޯޝަލް މީޑިއާގައި ދައުރުވާ ޔަގީންނުވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ހަބަރުތައް ގެނައުމުގެ ބަދަލުގައި، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު މެނުވީ ހަބަރު ފެތުރުމަކީ މަސްލަހަތު ހުރި ގޮތް ނޫންކަމަށެވެ.
އެ ކޮމިޝަނުން މިފަދަ އިރުޝާދެއް ދީފައި ވަނީ، ދާދިފަހުން އުފަންވި ތުއްތު ކުއްޖަކު މަންމަގެ ނުރުހުމުގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައެއް ސޯޝަލް މީޑިއާގައި ބޮޑު ބަހުސަކަށް ވެފައިވާ ދަނޑިވަޅެއްގައެވެ.