އިމްތިހާން ފީ ނުވަތަ އެފަދަ ތައުލީމީ ޚިދުމަތްތަކަށް އޮންލައިންކޮށް ފައިސާ ދެއްކުމުގައި ދަތިތަކެއް ކުރިމަތިވާނަމަ އެކަން އެންގުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދިއްޖެއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ބީއެމްއެލް އިން މިއަދު ވަނީ، މިފަދަ ހާލަތްތަކުގައި އަމަލުކުރަންވީ ގޮތާއި ދަރިވަރުން އިތުރަށް ހޭލުންތެރިކުރުވުމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ.

ބީއެމްއެލް އިން ކުރި ޕޯސްޓުގައި ބުނީ އޮންލައިންކޮށް ކުރާ ބައެއް މުއާމަލާތްތަކަށް ލިމިޓްތަކެއް ކަނޑައަޅާފައިވީ ނަމަވެސް، ތައުލީމީ، ސިއްހީ އަދި އަސާސީ ސަބްސްކްރިޕްޝަންތަކަށް ކުރާ ހަރަދުތަކަށް އެ ލިމިޓްތަކުގެ ސަބަބުން އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށާއިނަމަވެސް ބައެއް ހާލަތްތަކުގައި މުއާމަލާތްތައް ޑިކްލައިންވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.އަދި އެހެން ދިމާވަނީ ، އައިއީއެލްޓީއެސް ފަދަ ތައުލީމީ އިމްތިހާންތަކަށް ފައިސާ ދައްކާއިރު، އެ މުއާމަލާތް ހިނގަނީ ތައުލީމީ ދާއިރާގެ މާޗަންޓް ކޯޑުގެ ދަށުން ނޫންކަން ނުވަތަ ވަކި ކެޓަގަރީއެއް ކަނޑައެޅިފައި ނުވާ ކޯޑެއްގެ ދަށުންކަން ފާހަގަކުރެވޭ ކަމަށެވެ. މިގޮތުން ސިސްޓަމުން އެއީ ތައުލީމީ މުއާމަލާތެއްކަން ދެނެގަތުމަށް ހުރަސް އެޅި، ޕޭމަންޓް ކެންސަލްވަނީކަމަށް ބީއެމްއެލުން ހާމަކުރެއެވެ.

ހަމައެހެންމެ މިފަދަ ހާލަތެއް ދިމާވެއްޖެނަމަ، އެ މުޢާމަލާތުގެ ތަފްސީލާއެކު ބޭންކަށް ހުށަހެޅުމުން އެ މުޢާމަލާތް މުރާޖަޢާކޮށް، އެފަދަ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ ގޮތަށް، އެ ސައިޓެެއް ކަނޑައަޅައި، އެކަން ހައްލުކޮށްދޭނެ ކަމަށް ބީއެމްއެލުން ބުނެފައި ވެއެވެ.

ބީއެމްއެލް އިން ބުނީ ތަޢުލީމާއި، ޞިއްޙީ ޚިދުމަތް އަދި އަސާސީ ސަބްސްކްރިޕްޝަންތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ މަގު ފަހިކޮށްދިނުމަކީ ބޭންކުން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށެވެ.އެހެންކަމުން މިފަދަ މުޢާމަލާތްތަކަށް ފުރިހަމަ އެހީތެރިކަން ދީ، ދިމާވާ އެންމެހާ މައްސަލަތައް ހައްލުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އެ ބޭންކުން ވަނީ ދީފައެވެ.