ކޮންމެ ދިވެއްސެއްގެ ކިބައިގައި ހުންނަންޖެހޭނެ އެންމެ މަތިވެރި ސިފައަކީ ޤައުމީ ލޯބިކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރު ޢާޒިމް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޤައުމީ ދުވަހާ ގުޅިގެން އެ މަނިކުފާނުގެ އަމިއްލަ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން މޭޔަރު އާޒިމް ވަނީ މި މުނާސަބަތުގައި މާލެ ސިޓީގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި، ދިވެހި އެންމެހައި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

މޭޔަރ ޢާޒިމް ކުރެއްވި ޕޯސްޓުގައި ވަނީ ޤައުމީ ދުވަސް ފާހަގަކުރާއިރު ދިވެހިންގެ ކިބައިގައި ހުންނަންޖެހޭނެ އެންމެ މަތިވެރި ސިފައަކީ ޤައުމީ ލޯބި ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން، އިސްލާމީ ވަޙްދަތާއި، ދިވެހިވަންތަކަމުގެ އިތުރުން ދިވެހިންގެ މާދަރީ ބަހަށް އިސްކަންދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން މޭޔަރު އާޒިމް ފާހަގަކުރެއްވިއެވެ.

މާލެ ސިޓީގެ ތަރައްޤީއާއި އިޖުތިމާޢީ ދުޅަހެޔޮކަމަށް އަލިއަޅުއްވާލައްވަމުން އާޒިމް ވިދާޅުވީ، ސިޓީއެއްގެ ގޮތުގައި ކުރިއަށްދާއިރު، އެކަކު އަނެކަކަށް އަޅާލާ، އެއްބަނޑުއެއްބަފާ އުޚުއްވަތްތެރިކަން ދެމެހެއްޓުމަކީ ޤައުމީ ވާޖިބެއް ކަމަށެވެ. މިގޮތުން މިއީ މުޖުތަމަޢުގެ ބަދަހިކަމަށްޓަކައި ކޮންމެ ފަރުދަކުވެސް ސަމާލުކަން ދޭންޖެހޭނެ ކަމެއްކަމަށް އާޒިމް ވަނީ ހަނދާންކޮށްދެއްވާފައެވެ.

މޭޔަރު ޢާޒިމްގެ މެސެޖު ނިންމަވާލައްވަމުން ވަނީ މި ލޮބުވެތި ދިވެހި ފަސްގަނޑަށް އަބަދުމެ އަމާންކަމާއި ބާއްޖަވެރިކަން މިންވަރުކުރެއްވުމަށާއި، އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި މި ޤައުމު އަބަދަށް ލެހެއްޓެވުމަށް ދުޢާ ކުރައްވަމުންނެވެ.