ގދ. ތިނަދޫގައި އަލަށް އިމާރާތްކުރާ މަރުކަޒުގެ މަސައްކަތް ނިމުމުން، ހައްޔަރުކުރާ މީހުން ބެލެހެއްޓުމަށް ލުޔެއް ލިބޭނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސީޕީ ގދ. ތިނަދޫ ސިޓީއަށް ޒިޔާރަތްކުރައްވައި އެ ސިޓީގައި މަސައްކަތްކުރާ ފުލުހުންނާއި މުވައްޒަފުންނާ ބައްދަލުކުރައްވާފައިވާ އިރު، މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި، ކްރައިމް ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި ސައުތު ޕޮލިސްގެ ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝާކިރާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ބައެއް އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސީޕީ ވަނީ، ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރަންވީ ގޮތާއި، މަސައްކަތުގެ ވައްޓަފާޅި އަދި އަހުލާގީ މިންގަނޑުތައް ހިފެހެއްޓުމާ ގުޅޭގޮތުން އިރުޝާދު ދެއްވާފަ އެވެ.
މީގެކުރިން އެ ރީޖަންގައި މަސައްކަތްޕުޅު ކުރެއްވި ދުވަސްތަކުގެ ހަނދާންތައް އާކުރައްވަމުން، އޭރުގެ ހާލަތާއި މިހާރުގެ ހާލަތަށް ބައްލަވައި، ހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން ރައްޔިތުން އުންމީދުކުރާ ފަދަ ނަތީޖާއެއް ނެރުމަށް ގަދައަޅައި މަސައްކަތްކުރުމަށް ސީޕީ ވަނީ ހިތްވަރު ދެއްވާފަ އެވެ.
މީގެއިތުރުން، ތަޖުރިބާކާރު، ހިދުމަތުގައި ދުވަސްވީ ފުލުހުންގެ ފަރާތުން އަލަށް ހިދުމަތާ ގުޅިފައިވާ ފުލުހުންނަށް ކަންކަން ދަސްކޮށްދީ، ނަމޫނާ ބަޔަކަށް ވުމަށް ސީޕީ އެދިލެއްވިއެވެ. އަދި އަލަށް އިމާރާތްކުރާ މަރުކަޒުގެ މަސައްކަތް ނިމުމުން، މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި، ހައްޔަރުކުރެވޭ މީހުން ބެލެހެއްޓުމުގައި ހުރި ގޮންޖެހުންތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީ ދެއްކެވި ވާހަކަފުޅުގައި، ތިނަދޫ ސިޓީގެ ފުލުހުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށް ތައުރީފު ކުރެއްވިއެވެ. އަދި އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ހިދުމަތުގައި ދެމިތިބުމަށާއި، އަޕަރ ސައުތު ޕޮލިސްގެ ގއ. އަދި ގދ. ކޮމާންޑަރުން ގުޅިގެން ވަސީލަތްތައް އެންމެ އެދެވޭ ގޮތެއްގައި ބޭނުންކުރުމަށް މަސައްކަތްކުރެއްވުމަށް އެދިލެއްވިއެވެ.
މި ޒިޔާރަތުގައި ތިނަދޫ ސިޓީގައި އަލަށް އިމާރާތްކުރަމުންދާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ގޮސްފައިވާ ހިސާބު ސީޕީގެ އިތުރުން ދާހިލީ ސަލާމަތާއި، މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހްސާން ބައްލަވައިލެއްވިއެވެ. އަދި މަސައްކަތައް އަވަސް ކުރެއްވުމަށް ކުރެވެންހުރި ކަންތައްތަކާ ގުޅޭގޮތުން ކޮންޓްރެކްޓަރާއެކު މަޝްވަރާ ކުރެއްވިއެވެ.