ޖުލައި މަހު ޑޮލަރު ވިއްކި އަދަދު ޖޫންމަހާއި އަޅައިބަލާއިރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭއިން ވަނީ، ޖުލައި މަހަކީ އެމްއެމްއޭއަށް ބޭރުފައިސާ ލިބުނު ޖުމްލަ އަދަދަށްވުރެ އެމްއެމްއޭއިން ބޭރުފައިސާ ވިއްކި ޖުމްލަ އަދަދު އިތުރުވި މަހެއް ކަން ހާމަކޮށްފަ އެވެ. އެގޮތުން، އެމްއެމްއޭއިން ޖުލައި މަސް ތެރޭގައި ދަތުރުފަތުރާއި، ބޭސްފަރުވާއާއި، އުމްރާގެ ދަތުރުތަކަށް ޑޮލަރު ވިއްކި މިންވަރުވަނީ ޖޫންމަހާއި އަޅާބަލާއިރު 172 އިންސައްތަ އިން އިތުރުވެފަ އެވެ.

އެމްއެމްއޭއިން ބުނީ، މީގެ މައިގަނޑު ސަބަބަކީ ފާއިތުވި ޖުލައި މަހަކީ ފަތުރުވެރިކަމުގެ އޮފް-ސީޒަން ކަމަށް ވުމާއެކު، އެމްއެމްއޭއަށް ލިބުނު ބޭރުފައިސާގެ އަދަދު ދަށްވުން ކަމަށެވެ. އަދި، ޖުލައި މަހަކީ ސްކޫލް ބަންދާ ދިމާކޮށް ޑޮލަރަށް އޮންނަ ޑިމާންޑް އިތުރަށް ބޮޑުވެގެން ދިޔަ މަހެއްކަންވެސް އެމްއެމްއޭއިން ވަނީ ފާހަގަކޮށްފަ އެވެ.

އެމްއެމްއޭއިން ބުނީ، ބޭންކިން ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުންނާއި ބޭރު ފައިސާގެ ބާޒާރަށް އިތުރު ލުޔެއް ހޯދައި ދިނުމުގެ ގޮތުން، ބޭންކުތަކަށް ޑޮލަރު ވިއްކާ މިންވަރު އަނެއްކާވެސް އިތުރުކުރުމަށް އެމްއެމްއޭއިން 11 އޮގަސްޓުގައި ނިންމާފައިވާ ކަމަށެވެ. އެގޮތުން، އެމްއެމްއޭ އިން ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު، މި ހަފްތާއިން ފެށިގެން ތިން ހަފްތާގެ މުއްދަތަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.

އެ ސިޔާސަތުގެ ތެރެއިން، އާންމު އުސޫލުގެ ދަށުން ކޮންމެ ހަފްތާއަކު އެމްއެމްއޭއިން ބޭންކުތަކަށް ވިއްކަމުންދާ ބޭރު ފައިސާއާއި އަޅާބަލާއިރު، 51 އިންސައްތަ އިތުރު އަދަދެއް ވިއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ނިންމުމުގެ މައިގަނޑު މަގްސަދަކީ ވިޔަފާރިތަކުން މުދާ އިމްޕޯޓްކުރުމަށް ހަދަންޖެހޭ ޓީޓީ އަދި އެލްސީ އަށް ބޭނުންވާ ބޭރު ފައިސާ ހޯދުމުގައި ހުރި ދަތިތަކަށް ލުޔެއް ހޯދައިދިނުން ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

ޖުލައިމަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް 686.8 މިލިޔަން ޑޮލަރުން 638.0 މިލިޔަން ޑޮލަރަށް ދަށްވެފައިވާކަން އެމްއެމްއޭ އިން ކޮންމެ މަހަކު އާންމު ކުރަމުންދާ ރިޒާވް އަދަދުތަކުން ދައްކާ އިރު، އެއީ 7 އިންސައްތައިގެ ދަށްވުމެކެވެ.

ބޭރުފައިސާގެ ގާނޫނުގެ ދަށުން އެމްއެމްއޭއަށް ޑޮލަރު ވިއްކަން ފަށާފައިވާއިރު، އެ ގާނޫނުގެ ތެރެއިން ވިޔަފާރިތަކަށް އިތުރު ލުއިތަކެއް ހޯދައިދިނުމަށް، ގާނޫނު އިސްލާހު ކުރުމަށް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

ގާނޫނަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކުގެ ތެރޭގައި ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަށް 500 ޑޮލަރު މާރުކުރަން އޮތް އިހްތިޔާރު އުވާލަން ނިންމާފައިވާއިރު މިހާރު އޮންނަ ގޮތުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް ޖެހޭ ނިސްބަތުން މާރު ނުކުރާނަމަ ދެން މާރުކުރަން ޖެހެނީ ލިބޭ އަމްދަނީގެ ނިސްބަތުން 20 އިންސައްތައެވެ.

މި ގިންތީގައި މިގޮތަށް އޮތުމުން އެކި ފަންތީގެ ރިސޯޓުތަކުން މާރުކުރާއިރު ބޮލަކަށް ޖެހޭ ނިސްބަތުން ކުރާނަމަ އެކި ފަންތީގެ ރިސޯޓުތަކަށް ބައެއް ގޮންޖެހުންތަކަށް ހުންނަ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.