ފެނަކަ އޮޕަރޭޝަނުން މުވައްޒަފުން ވަކިކޮށް ބިކަ ކުރުމަކީ އަނިޔާއެއް ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ނިޒާރު މިފަދައިން ވިދާޅުވީ، އައްޑު ސިޓީ ފެނަކައިގެ މުއައްޒަފުން ވަޒީފާ އިން ވަކި ކުރުމާ ގުޅިގެން ސޯޝަލް މީޑީއަގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ފެނަކައިގެ ވެރިންނާ ހަވާލާދީ މޭޔަރު ނިޒާރު ވަނީ، މުވައްޒަފުން ކުރާނެ އެތަށް މަސައްކަތެއް ހުރެމެ، އައްޑޫ ސިޓީ ފެނަކައިން 90 އާއި ގާތަށް މުވައްޒަފުން ވަކި ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގްގެ އިތުރުން އައްޑޫ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރުގެ މަޝްވަރާ ލިބިގެންކަމަށް ތުހުމަތު ކުރައްވާފައެވެ.
މޭޔަރު ނިޒާރު ވިދާޅުވީ، މިފަދަ އަނިޔާ ރައްޔިތުންނަށް ދިނުމަށް ރައްޔިތުން ހޮވާފައިވާ މަންދޫބުން ހިތްވަރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ.
ފެނަކާގައި މުވައްޒަފުން ގިނަނަމަ ގިނައީ މާލޭ ހެޑްއޮފީހުގައި ކަމަށާއި، މަސައްކަތެއް ނެތިފަ ބެނީ ވެސް މާލޭ ހެޑްއޮފީހުގެ މުވައްޒަފުން ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.
އެހެންކަމުން އައްޑޫ ފެނަކަ އޮޕަރޭޝަނުން މުވައްޒަފުން ވަކިކޮށް ބިކަ ކުރުމަކީ އަނިޔާއެއް ކަމަށާއި، ތަފާތު ކުރުމެއް ކަމަށް މޭޔަރު ނިޒާރު ވިދާޅުވިއެވެ އަދި އެއީ ޕީއެންސީގެ އައްޑޫ ލީޑަރޝިޕްގެ ނުކުޅެދުމެއް ކަމަށް ވެސް މޭޔަރު ނިޒާރު ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފެނަކަ ކުންފުނީގެ ހުރިހާ ބްރާންޗްތަކަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ދެނެގަނެ، ކުންފުނީގެ އާ އޮނިގަނޑެއް އެކުލަވާލުމަށް މަޖިލީހުން ވަނީ އެ ކުންފުންޏަށް އަންގާފަ އެވެ.
އޭގެ ނަތީޖާއަށް ބަލައި ކުންފުނީގެ ވަޒީފާގައި ތިބެންޖެހޭ މުވައްޒަފުންގެ އަދަދު ކަނޑައެޅުމާއި ކުންފުންޏަށް އިތުރު މުވައްޒަފުން ބޭނުންވާކަން ކަށަވަރުކުރުމަށް ފަހު ނޫނީ ކުންފުންޏަށް އިތުރު މުވައްޒަފުން ނުނަގަން ފެނަކައަށް އެންގުމަށް ވެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
މަޖިލީހުން ވަނީ ފެނަކައަށް މުވައްޒަފުން ނަގާއިރު އިންޓަވިއުކުރުމަށް ފަހު އެކަށީގެންވާ ގާބިލު މީހުން މަގާމުތަކަށް ނެގުމަށާއި، ކުންފުނީގެ އެޗްއާރު އެސްއޯޕީތައް ހަރުދަނާކުރަން އެންގުމަށާއި، ބަދަލު ގެނައި އެސްއޯޕީ މަޖިލީހާ ހިއްސާކުރުމަށް ވެސް އަންގާފައެވެ.މީގެ އިތުރުން އައްޑޫ ފެނަކަ ހިޔާނާތްތަކާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް ހުށަހަޅަން ވެސް ވަނީ ނިންމާފަ އެެވެ.