ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މަދުވެގެން 100ވަރަކަށް ރަށުގެ ކައުންސިލް އިދާރާގެ އައު އިމާރާތްތައް ތަރައްގީކޮށް ނިމެނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ރައީސް އޮފީހުން ކުރިއަށްގެންދާ ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް"ގެ 6 ވަނަ އެޕިސޯޑްގައި "ރާއްޖޭގެ އުމްރާނީ ތަރައްޤީ" އާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
އެ ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިއިރު ބައެއް ކައުންސިލްތައް ހުރީ ވަރަށް ނިކަމެތި ޙާލަތުގައި ކަމަށާއި ބައެއް ރަށްރަށުގެ ކައުންސިލް އިދާރާތައް ހުރީ ބޮލަށް ވެއްޓޭ ހާލަތުގައި ކަމަށެވެ. އަދި އެތަންތަން ހުރީ އިންސާނުން ބޭނުންކުރަން ކަމުނުދާ މިންވަރަށް ހަލާކުވެފައިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެ އޮފީސްތަކުގައި ޚިދުމަތް ދިނުން މަޖުބޫރު ކަމަށާއި އެތަންތަނުގައި ޚިދުމަތްދެމުން ދިޔައީ އިތުރުގޮތެއް ނެތުމުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމަނިކުފާނު ނުހަނު އިސްކަންދެއްވާ ސިޔާސަތެއްކަމަށާއި އެހެންކަމުން އެފަދަ ރަށްތަކުގެ ކައުންސިލް އިދާރާގެ އައު އިމާރާތްތައް ޤާއިމްކުރުމުގެ މަޝްރޫޢުއެއް މިހާރު ފަށާފައިވާ ކަމަށެވެ.
އެގޮތުން އެ މަޝްރޫޢުގެ ދަށުން 55 ރަށެއްގެ ކައުންސިލް އިދާރާގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހަމައެހެންމެ ބައެއް ރަށްރަށުގެ ކައުންސިލް އިމާރާތްތައް މިހާރު ނިމުމަކާއި ގާތްވެފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކައުންސިލްތަކުގެ މަސައްކަތްތައް ހަރުދަނާކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތްތައް ފަސޭހަކުރުމަށްޓަކައި ޖުމްލަ 105 ރަށެއްގައި ކައުންސިލް އިދާރާގެ އައު ޢިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ އާރް.ސީ.ސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ 55 ކައުންސިލް އިދާރާގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްގީކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލް އިދާރާއެވެ.
އެގޮތުން އަލަށް ޢިމާރާތްކުރެވޭ މި ކައުންސިލް އިދާރާތަކަކީ ޒަމާނީ ފެންވަރަށް ފަރުމާކުރެވިފައިވާ ތަންތަނެވެ. މި ޢިމާރާތްތައް ނިންމައި ކައުންސިލްތަކާ ޙަވާލުކުރާއިރު ހުންނާނީ "ފުލީ-ފާނިޝްޑް" ކޮށް، މަސައްކަތަށް ބޭނުންވާ ހުރިހާ މޭޒާއި، ގޮނޑި އަދި ކައުންޓަރުތަކާއެކުގައެވެ.