ކުރިއަށް އޮތް 2027 ވަނަ އަހަރަކީ ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ނިންމާލެވޭނެ އަހަރަށް ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް"ގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އުތުރުން ފެށިގެން ދެކުނުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާކަމަށާ، މީގެ ތެރެއިން ބައެއް މަޝްރޫއުގެ މަސައްކަތްތައް މި އަހަރުގެތެރޭގައި ނިންމާލެވޭނެ ކަމަށެވެ. ތަރައްގީގެ ބައެއް މަޝްރޫއުތަކުގެ ދުވެލި މަޑުޖެހިފައި އޮތްކަން ރައްޔިތުން ފާހަގަކޮށްފައިވާ އިރު، ކުރިމަތިލާން ޖެހުން އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަނެވި، މާލަސްތަކެއްނުވެ އަމަލީ މަސައްކަތްތައް އަލުން ފެށިގެން ކުރިއަށްދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މި މަސައްކަތްތައް ކުރިއަށްގެންދަނީ ވަކިވަކި ދާއިރާތައް ހިމެނޭހެން ތާވަލުކުރެވިގެން ކަމަށާ، 2028 ވަނަ އަހަރުގެ ތެރޭގައިވެސް ބައެއް މަސައްކަތްތައް ނިމިގެންދާނެ ކަމަށެވެ.
ރައީސް ވަނީ މެދު އަދި ދުރުރާސްތާގެ ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތެއް ތަންފީޒުކުރި ކަމުގައި ވީ ނަމަވެސް، ވަކި ފެންވަރެއްގައި ކޮންމެ ރައްޔިތަކަށް، ކޮންމެ ރަށެއްގައިވެސް ލިބެންޖެހޭނެ ވަކި ހިދުމަތްތަކެއް ހުންނަ ކަމަށާ، މިމޭރުމުން ކުރިއަށްގެންދެވޭ މަސައްކަތްތައްވެސް ހިނގަމުންދާނެ ކަން ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން، ތަރައްގީގެ ރޭހުގައި މިހާރު ކުރިއަށްދާ މުހިންމު، ގިނަ މަޝްރޫއުތަކެއްގެ އަދާހަމަ ހިއްސާކުރައްވާފައިވާ އިރު، ރައީސް ވަނީ އަދުގެ ސަރުކާރުން ރާއްޖޭގެ ވެރިކަމާ ހަވާލުވިއިރު ރަށްރަށުގެ ކައުންސިލް އިދާރާތައް ހުރީ ވަރަށް ނިކަމެތި ހާލެއްގައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޒަމާނީ ފެންވަރުގެ ކައުންސިލް އިދާރާތައް ބިނާކުރުމަށް އަދުގެ ސަރުކާރުން މިހާރު ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތްތައް ނިންމާ، 2027 ވަނަ އަހަރުގެ މެދަކާ ހިސާބުގައި އެ އިދާރާތަކުގެ ބޭނުން ހިފޭނެކަމުގެ އުންމީދު އޮތް ކަމަށެވެ.
ކައުންސިލް އިދާރާތަކުގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ހިނގާކަމަށާ، ކުރިއަށް އޮތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި، 100 ވަރަކަށް ރަށުގައި، ކައުންސިލް އިދާރާތައް ހިނގަމުންދާނީ އައު އިމާރާތްތަކެއްގައި ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ދަތުރުފަތުރުގެ ނިޒާމަކީ ތަރައްގީގެ އެންމެ މުހިންމު އެއް ވަސީލަތްކަން ފާހަގަކުރައްވާ ރައީސް ވަނީ، އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުތަކަކީވެސް އެކަމުގައި އިގްތިސާދީ އަދި އިޖުތިމާއީ ފައިދާތައް އެކުލެވޭ މަޝްރޫއުތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި ރަނގަޅު ގޮތެއްގައި ކުރެވިއްޖެކަމުގައި ވަނީނަމަ، މިއީވެސް ދެކޮޅުޖެހޭނެ މަޝްރޫއުތަކެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މާލޭ ސަރަހައްދުގައި ތަރައްގީ ކުރަމުންދާ ތިލަމާލޭ ބްރިޖުގެ މަޝްރޫއުގެ އަދާހަމަ ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، މާޒީގައި މިމަޝްރޫއު ހިނގަމުން ދިޔަ ގޮތާ ހިލާފަށް ހަލުވި ދުވެލީގައި މިމަޝްރޫއު މިހާރު ކުރިއަށް އެބަދާކަމަށާ، މާ ލަސްތަކެއްނުވެ، ބުރިޖުގެ މަޝްރޫއު ނިމޭނެކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.