މޯލްޑިވްްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މަސްވެރިންގެ ޕާކުގައި ޤާއިމުކޮށްފައިވާ ޕަމްޕް ސްޓޭޝަން 2 ގެ މަސައްކަތް ނިންމާ އެތަން ބޭނުންކުރަން ފަށައިފިއެވެ.
އެ ޕަމްޕް ސްޓޭޝަން ތަރައްގީކޮށްފައި ވަނީ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުންނެވެ. އެމްޓީސީސީން ތަރައްގީކުރި އެ ޕަމްޕް ސްޓޭޝަން ހުޅުވާފައި ވަނީ އިއްޔެއެވެ.
މީގެ އިތުރުން އެމްޓީސީސީން ބުނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ސަރަހައްދުގައި ހުންނަ ޕަމްޕް ސްޓޭޝަން 1 ގެ މަސައްކަތް ނިންމައި، މާދަމާ އެ ތަން ރަސްމީކޮށް ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވާކަމަށެވެ.
އެމްޓީސީސީން ބުނީ މި ޕަމްޕް ސްޓޭޝަންތަކުގެ ސަބަބުން، މޫސުމީ ބަދަލުތަކުގެ ސަބަބުން އެ ސަރަހައްދުގެ މަގުތަކުގައި ފެންބޮޑުވުމަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ. މިގޮތުން މިއީ މަގުތަކުގައި ހެދޭ ފެން ހިންދުމަށް އެޅުނު ހަރުދަނާ ފިޔަވަޅަކަށް ވެގެންދާނެ ކަމަށެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު ހުޅުވާލާފައި ވަނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ. އެ މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ އިރުމަތީ ފަރާތުން ހުޅުމާލެ ފެރީ ޓާމިނަލާ ހިސާބުން ފެށިގެން އާޓިފިޝަލް ބީޗާ ހަމައަށް އޮތް ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކޮށް
މި މަސައްކަތުގެ ތެރެއިން މަގު ފުޅާކުރުމާއި، ތާރު އެޅުމާއި، ދުވާރު ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމު ހަރުދަނާކުރުން ހިމެނެއެވެ.
މަސްވެރިންގެ ޕާކުގައި ގާއިމުކުރި ފެން ހިންދާ ނިޒާމު ހިމެނޭ ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢުއެކެވެ.