އިގްތިސާދީ ހާލަތު އޮޅުވާލައި، ޑޮލަރާ ގުޅޭގޮތުން އެމްޑީޕީން ދައްކަމުންދާ ވާހަކައާއި މަންޒަރު ދިމާނުވާކަން ހިސާބު އަދަދުތަކުން ހާމަވާ ކަމަށް އިގްތިސާދާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތަފާސްހިސާބު އަދަދުތައް ދައްކަނީ މިކަމުގައި ވެސް އެމްޑީޕީގެ އަޑާއި މަންޒަރު ދިމާނުވާކަން ކަމަށެވެ.
އެގޮތުން ރަސްމީ ރޭޓު 15.42 ރުފިޔާގެ ރޭޓުގައި އެމްޑީޕީ ސަރުކާރާއި މި ސަރުކާރު އަޅާކިޔާލާއިރު، ބޭންކު މެދުވެރިކޮށް ޑޮލަރު ދޫކުރެވުނު ނިސްބަތް އަދި އަދަދުތައް މާބޮޑަށް ވެސް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ކުރީގައި އުޅޭކަން ސައީދު ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، އެކަން ކުރީ އެމްޑީޕީ ސަރުކާރު ނިމުނުއިރު ދޫކޮށްފައިދިޔަ ބިޔަ ބޮޑު ދަރަނީގެ ބައެއް ކަމުގައިވާ 1.2 ބިލިއަން ޑޮލަރު ވެސް ދައްކާ، ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކޮށްފައި ކަމަށް ސައީދު ވިދާޅުވި އެވެ.
ސައީދު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންގެ މިފަދަ ބޭނުންތަކަށް ދޫކުރި ޑޮލަރު މާ ގިނަ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނު ގެންދަވަނީ އެމްޑީޕީން މި ގައުމު ވައްޓާލި އިގްތިސާދީ އަނދަވަޅުން ސަލާމަތް ކުރައްވަމުން ކަމުގައިވެސް ސައީދު ވިދާޅުވި އެވެ.