މިދިޔަ އަހަރު ޒަކާތު ފަންޑުން ފަޤީރުންނާއި މިސްކީނުންނަށް 38.18 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޒަކާތު ހައުސްގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގައި ވާގޮތުން، މިދިޔަ އަހަރު ޒަކާތު ފަންޑުން ފަޤީރުންނާއި މިސްކީނުންނަށް ވަނީ 38.18 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ. މީގެއިތުރުން ޢާމިލުންނަށް 4.21 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މުއައްލަފަތު ޤުލޫބުހުމްގެ ބައިން 3500 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
މީގެ އިތުރުން މި ފަންޑުން ދަރަނިވެރިންނަށް 1 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ފީސަބީލިﷲ ބައިން 13.44 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި އިބްނު ސަބީލްގެ ބައިން 1.2 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ޒަކާތު ހައުސްއިން އެހީ ހޯދުމަށްޓަކައި ޒަކާތު އިދާރީ ކޮމިޓީއަށް 2111 މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލަތުގެ ތެރެއިން 1391 މައްސަލައަކަށް ވަނީ އެހީ ހަމަޖައްސާފައެވެ. މިގޮތުން މިިދިޔަ އަހަރު އެހީގެ ގޮތުގައި 23.14 މިލިޔަން ރުފިޔާގެ އެހީ ހަމަޖައްސާފައިވެއެވެ.
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގެ އުސޫލާއެކު، އެ ދަފްތަރުގައި ރަޖިސްޓަރވުމަށް ހުޅުވާލުމުން މިދިޔަ އަހަރުގެ ނިޔަލަށް މާލެ ސަރަހައްދުން 165 ފޯމާއި އަތޮޅުތެރެއިން 311 ފޯމް ލިބިފައިވެއެވެ. އަދި މިދިޔަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި 77 ރަށަކުން އެއްވެސް މީހަކު ރަޖިސްޓަރވެފައިނުވާކަން ފާހަގަކުރެވެއެވެ. އެއާއެކު އެ މުއްދަތުގައި 2852 މީހުން ދަފްތަރުގައި ރަޖިސްޓަރކޮށްފައިވެއެވެ.
މިދިޔަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި 13.57 މިލިޔަން ރުފިޔާ ލިބުނުއިރު، 2772 މީހުންނަށް ބޮލަކަށް 4500 ރުފިޔާގެ ރޭޓުން 12.47 މިލިޔަން ރުފިޔާ ބަހާފައިވެއެވެ.