ރާޔާ އެއާވޭސް އިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް ކުރާ ކާގޯ ދަތުރުތައް ފަށައިފިއެވެ.

އެމްއޭސީއެލް އިން ބުނީ ރާޔާ އެއާލައިނުން ވަނީ މިއަދު އެ ދަތުރުތައް ފަށާފައި ކަމަށެވެ.

މިއީ ޕެނޭންގް އާއި މާލެއާ ދެމެދު ކުރާ ދަތުރުތަކެއް ކަމަށާއި، މި ދަތުރުތައް ކުރާނީ ހަފުތާއަކު ދެ ދުވަހު ކަމަށް އެމްއޭސީއެލް އިން ހާމަކުރެއެވެ.

މި ދަތުރުތަކުގައި ބޭނުންކުރަނީ ބޮއިންގް 767-200 މަރުކާގެ ކާގޯ ބޯޓުފަހަރެވެ. އަދި ކޮންމެ ދަތުރެއްގައި އެވްރެޖުކޮށް 46 ޓަނުގެ ކާގޯ އުފުލޭނެ އެވެ.

އެމްއޭސީއެލް އިން ބުނީ މި އާ ދަތުރުތަކާއެކު އެމް.އެލް.އީ އާއި ޕެނޭންގާ ދެމެދު ސީދާ ގުޅުމެއް ގާއިމުވީ ކަމަށާއި، މިއީ މެލޭޝިއާއިން ތާވަލުކޮށްގެން ކުރާ ފުރަތަމަ ކާގޯ ދަތުރުތައް ކަމަށެވެ.

މި ހިދުމަތަކީ ދެކުނު އިރުމަތީ އޭޝިއާގެ މަޝްހޫރު ލޮޖިސްޓިކްސް ކުންފުނި "ޓެލެޕޯޓް" އިން ޗާޓަރުކޮށްގެން ހިންގާ ދަތުރުތަކެއް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

އެމްއޭސީއެލް އިން ބުނީ މި ދަތުރުތަކުގައި އުފުލާ ކާގޯގެ 80 އާއި 90 އިންސައްތައަކީ ޓްރާންސްޝިޕްމަންޓް ކާގޯ ކަމަށެވެ.

އެމްއޭސީއެލް އިން ބުނީ މީގެ ސަބަބުން އެމް.އެލް.އީ ގެ ދައުރު އިތުރަށް ވަރުގަދަވެ، ކާގޯ ގުޅުވައިދޭ ހަބެއްގެ ގޮތުގައި މުދާ ފޮނުވާ ފަރާތްތަކަށް އިތުރު މަގުތައް ހުޅުވި، ދުނިޔޭގެ މުހިންމު ބާޒާރުތަކަށް ވާސިލުވުން ފަސޭހަވާނެ ކަމަށެވެ. ރާޔާ އެއާވޭސް އަކީ އެމް.އެލް.އީ އަށް ދަތުރުކުރާ ދެވަނަ ތާވަލު ކާގޯ އެއާލައިނެވެ.

ޖެނުއަރީ އިން ޖުލައި 2026 ގެ ނިޔަލަށް އެމް.އެލް.އީ އިން ވަނީ ގިނަ ކާގޯތަކެއް ހެންޑްލްކޮށްފައެވެ. އެއީ 390 ކާގޯ ދަތުރު މެދުވެރިކޮށެވެ. މުޅިއެކު 3,228 ޓަނުގެ ކާގޯ ހެންޑްލްކުރެވުނެވެ. މި ދަތުރުތަކުން އެއާޕޯޓް ވަނީ މުހިންމު މަންޒިލްތަކަކާ ގުޅުވާލެވިފައެވެ. އޭގެ ތެރޭގައި ބެންގަލޫރު، ޗެންނާއި، ޔަންގޯން، ކޮލަމްބޯ، ބެންކޮކް، ދުބައި އަދި ހަނޯއީ ހިމެނެއެވެ. 2025 ވަނަ އަހަރުވެސް ގިނަ ދަތުރުތައް ކުރިއެވެ. އެއީ 518 ކާގޯ ދަތުރެވެ. އަދި 4,300 ޓަނަށްވުރެ ގިނަ ކާގޯ ހެންޑްލްކުރިއެވެ.