މާލީ ހާލަތު ރަނގަޅަށް މެނޭޖް ނުކުރެވުމުގެ ނަތީޖާއަކީ ބައިނަލްއަގްވާމީ ބާޒާރުން ފައިސާ ހޯދުމުގެ ފުރުސަތު ބަންދުވުން ކަމުގައި ކުރީގެ ޗީފް ބަޖެޓު އެގްޒެކެޓިވް، އަހުމަދު ޝަރުވަސް އާދަމް ވިދާޅުވެއްޖެއެވެ.

ޝަރުވަސް މިފަދައިން ވިދާޅުވީ، ދެ މީޑިއާއެއް ގުޅިގެން ކުރިއަށް ގެންދިޔަ "ޑޮލަރު ސައްލާ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ޝަރުވަސް ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަނެ، ދައުލަތަށް ބޭނުންވާ ފައިނޭންސިން ހޯދުމުގައި ސަރުކާރަށް އެކަށީގެންވާ ފިޔަވަޅުތައް އަޅައި ތަންފީޒު ނުކުރެވޭ ކަމަށެވެ. އެގޮތުން ބޭރުން ފައިސާ ހޯދުމުގައި މައިގަނޑު ތިން މަގެއް އޮތް ނަމަވެސް، އެ ހުރިހާ ކަމެއްވެސް ބިނާވެފައިވަނީ ރާއްޖޭގެ މާލީ ނިޒާމަށް އޮތް އިތުބާރާއި އަޅާ އިސްލާހީ ފިޔަވަޅުތަކުގެ މައްޗަށް ކަމަށް ޝަރުވަސް ވިދާޅުވިއެވެ.

ޝަރުވަސް ވިދާޅުވީ، ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އޭނާގެ އެންމެ މުހިންމު މަސްއޫލިއްޔަތަކަށްވީ ދައުލަތުގެ އޭރުގެ މާލީ ހާލަތު އޮތްގޮތް އާ ސަރުކާރަށް ކިޔައި ދިނުން ކަމަށެެވެ. އެގޮތުން އިންތިގާލީ މަރުހަލާގައި އެކުލަވާލި ކޮމެޓީގައި މިހާޜުގެ ސަރުކާރުގެ ވަރަށް ސީނިއާ ބޭފުޅުން ތިއްބެވި ކަމަށާއި، އެ ބޭފުޅުންނަށް ހުރިހާ ތަފްސީލެއް ހިއްސާ ކުރެއްވި ކަމަށް ޝަރުވަސް ވިދާޅުވިއެވެ.

ބަޖެޓާ ގުޅޭގޮތުން ޝަރުވަސް ފާހަގަކުރެއްވި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބަޖެޓު ފޫބެއްދުމަށް ބޭނުންވާ ފައިސާ ނުވަތަ ފައިނޭންސިން ގެޕް އިންތިހާއަށް ބޮޑުވުން ކަމަށެވެ.

" 2024، 2025 އަދި 2026 ކޮންމެ ބަޖެޓެއްގެ ފައިނޭންސިންގެޕް އިންތިހާއަށް ބޮޑު. އެހެންމަ ފައިނޭންސިން ގެޕް ބޮޑުވީމަ ފައިނޭންސިން ގެޕް ހޯދާނެ ގޮތުގެ ޕްލޭނެއް އޮވޭ ލިޔެފަ. މައިގަނޑު ގޮތެއްގަ އެ ޕްލޭން އޮންނަނީ ބޭރުން ފައިސާ ހޯދުމުގެ މައްޗަށާއި، އެތެރެއިން ފައިސާ ހޯދުމުގެ މައްޗަށް،"

ކުރީގެ ޗީފް ބަޖެޓު އެގްޒެކެޓިވް، އަހުމަދު ޝަރުވަސް އާދަމް

ޝަރުވަސް ވިދާޅުވީ، ސަރުކާރުން ބަޖެޓު ފޫބެއްދުމަށް ގިނަ އަދަދެއްގެ ފައިސާ އެއްފަހަރާ ހޯދަން އުޅުމުން ބާޒާރުގައި ޑޮލަރަށް އޮންނަ ޑިމާންޑް ބޮޑުވެ އާންމު ވިޔަފާރިވެރިންނަށް ޑޮލަރު ލިބުން ދަތިވާ ކަމަށެވެ.

މީގެ އިތުރުން، ބޭރުގެ އެހީގައި ހިންގާ ތިލަމާލެ ބްރިޖް ފަދަ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ދޫކުރަމުންދާ މަންޒަރު ފެންނަން ހުރި ނަމަވެސް ދައުލަތުގެ ޖުމްލަ ބަޖެޓު ފައިނޭސް ކުރުމަށް ބޭނުންވާ ޑޮލަރު ހޯދޭނެ މާބޮޑު މަގެއް ފެންނަން ނެތް ކަމަށް ވެސް ޝަރުވަސް ވިދާޅުވިއެވެ.