މިހާރު ނުނިމި ހުރި 3,218 މައްސަލަ އަވަހަށް ނިންމުމަށް އާ ފަނޑިޔާރުންގެ ސަބަބުން ބޮޑު އެހީއަކަށްވާނެކަމަށް އުއްމީދުކުރައްވާ ކަމަށް، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވެއްޖެ އެވެ.
ހުސްނީ މިހެން ވިދާޅުވީ އެ ދެ ކޯޓަށް އަލަށް އައްޔަން ކުރެއްވި ފަނޑިޔާރުން ހުވާކުރެއްވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ޙުސްނީ ވިދާޅުވީ، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތަފާސްހިސާބަށް ބަލައިލާއިރު ކްރިމިނަލް ކޯޓުގައި 1،626 މައްސަލައެއް ނުނިމި އެބައޮތް ކަމަށެވެ.
މި އަހަރު އަލަށް އެ ކޯޓަށް 1،098 މައްސަލައެއް ހުށަހެޅުނު ކަން ފާހަގަކުރައްވައި ހުސްނީ ވިދާޅުވީ، އިއްޔެ ހުވާކުރެއްވި ތިން ގާޟީންނާ ނުލައި އިއްޔެގެ ނިޔަލަށް ތިބި ގާޟީންގެ ނިސްބަތުން ކޮންމެ ގާޟީއެއް 84 މައްސަލައެއް ބައްލަވަމުން އަންނަ ކަމަށާއި، މަހަކު 15 މައްސަލަ އަލަށް ހަވާލުކުރެވިގެން ދާ ކަމަށެވެ.
ހުސްނީ ވިދާޅުވީ، ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އިތުރުކުރަން ނިންމެވީ އެ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދު އިތުރުވެ، ފަނޑިޔާރުންގެ މައްޗަށް އޮތް މަސައްކަތުގެ ބާރު ބޮޑުވުމުގެ ސަބަބުން މައްސަލަތައް އަވަސްމިނެއްގައި ކުރިއަށްގެންދިއުމަށް ގޮންޖެހުންތަކާ ކުރިމަތިލާންޖެހުމުން ކަމަށެވެ.
ސިވިލް ކޯޓުގައި މައްސަލަތައް ލަސްވާކަމުގެ ޝަކުވާ ލިބެމުންދާކަން ފާހަގަކުރައްވައި ހުސްނީ ވިދާޅުވީ، ފަނޑިޔާރުންގެ އަދަދު 19 އަށް އިތުރުކޮށްފައިވާކަމަށާއި، މިހާރު ނުނިމި ހުރި 3,218 މައްސަލަ އަވަހަށް ނިންމުމަށް އާ ފަނޑިޔާރުންގެ ސަބަބުން ބޮޑު އެހީއަކަށްވާނެ ކަމަށް އުއްމީދުކުރައްވާކަމަށެވެ.
ޙުސްނީ ވިދާޅުވީ، ސިވިލް ކޯޓުން މި އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭ 2،000އެއްހާ މައްސަލަ މިހާތަނަށް ބަލައި ނިންމައިފައިވާ ކަމަށެވެ.
މީގެ އިތުރުން، ކޯޓުތަކުން ގިނަ މައްސަލަތަކެއް ނިންމައި ނަތީޖާ ހާސިލުކުރި ނަމަވެސް، އާންމުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމުން ކަމަށް ހުސްނީ ވިދާޅުވިއެވެ.