ދިވެހިރާއްޖެ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދެމެދުގައި އޮތް ތަރައްގީގެ ބައިވެރިވުން ފުޅާކުރަން މަޝްވަރާކުރައްވައިފި އެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ޔޫއޭގެ ރައީސް ޝެއިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންއާ ފޯނުން ގުޅުއްވައިގެނެވެ.
މާލޭގައި ހުންނަ ޔޫއޭއީގެ އެމްބަސީން "އެކްސް"ގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނާއި، ދެ ފަރާތުގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ. ވަކިން ޚާއްޞަކޮށް، އިޤްތިޞާދީ އަދި ތަރައްޤީގެ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މި މަޝްވަރާތަކުގައި ބާރުއަޅުއްވާފައިވެ އެވެ.
މި ފޯނު ކޯލުގައި ދެ ޤައުމުގެ ލީޑަރުން ވަނީ ޔޫއޭއީ އާއި ރާއްޖެއާ ދެމެދު އޮތް ތަރައްޤީގެ ބައިވެރިވުން ފުޅާކުރުމަށާއި، ދެ ޤައުމުގެ ރައްޔިތުންގެ ފާގަތިކަމާއި ލާބައަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ދެމިތިއްބަވާނެ ކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.
މީގެ އިތުރުން، ދެ ޤައުމުންވެސް ޝައުޤުވެރިވާ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މުހިންމު ކަންކަމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވައި، ސަރަޙައްދީ ސަލާމަތާއި ހަމަޖެހުން ޤާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.