ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެން ދިމާވި މައިގަނޑު ސަބަބަކީ އެމްޑީޕީގެ ވެރިކަމުގައި ފައިސާ ޗާޕުކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ، އެވާހަކަ ވިދާޅުވުމުން، އޭރު ފައިސާގެ އަގު ނުވެއްޓުނީ ކީއްވެގެންތޯ އެކި ފަރާތްތަކުން ސުވާލު އުފައްދާ ކަމަށެވެ. އަދި ކޮވިޑު ތެރޭގައި އިޤްތިސާދު ހުއްޓިފައި އޮތް އިރުވެސް ފައިސާގެ އަގު ނުވެއްޓޭކަމަށް ބުނާ ކަމަށާއި، އެގޮތަށް އެކަންވި ވަރަށް ގިނަ ސަބަބުތައް އެބަހުރި ކަމަށް އަޒާން ވިދާޅުވިއެވެ.

އެގޮތުން އަޒާން ވިދާޅުވީ، 2020 އިން 2023 ގެ ނިޔަލަށް 8 ބިލިއަނެއްހާ ރުފިޔާ ޗާޕުކުރިނަމަވެސް، އެ މުއްދަތުގައި ޑޮލަރަށް އޮތް ޑިމާންޑު އޮތީ އާންމުކޮށް އޮންނަ މިންވަރަށްވުރެ ދަށުގައި ކަމަށެވެ. އެމްއެމްއޭގެ ހިސާބުތަކުން ދައްކާގޮތުން، 2020 ވަނަ އަހަރު ރާއްޖެއިން އިމްޕޯޓަށް ހަރަދުކުރީ 1.7 ބިލިއަން ޑޮލަރު ކަމަށާއި، އެއީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު 1 ބިލިއަން ޑޮލަރުގެ މަދުވުމެއް ކަން އަޒާން ވަނީ ފަހަގަކުރައްވާފައެވެ.

މީގެ އިތުރުން، ކޮވިޑާ ގުޅިގެން ގެނައި ލޮކްޑައުންގެ ސަބަބުން ރާއްޖެއިން ބޭރަށް ދަތުރު ނުކުރެވޭތީ، ބޭރަށް ފުރާ ފަރާތްތަކުން ޑޮލަރު ބޭނުންކުރާ މިންވަރުވެސް ވަރަށް ބޮޑަށް މަދުވި ކަން ފާހަގަކޮށް އަޒާން ވިދާޅުވީ، 2019 ވަނަ އަހަރު ރާއްޖެއިން ބޭރަށް ދަތުރުކުރި ފަރާތްތަކުން 333 މިލިއަން ޑޮލަރު ހޭދަ ކުރިއިރު، 2020 ވަނަ އަހަރު ހޭދަކޮށްފައިވަނީ 108 މިލިއަން ޑޮލަރު ކަމަށެވެ. އަދި ރެމިޓެންސްގެ ގޮތުގައި ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ޑޮލަރު 2020 ވަނަ އަހަރު 595 މިލިއަން ޑޮލަރުން 396 މިލިއަން ޑޮލަރަށް މަދުވެފައިވާ ކަމަށް އަޒާން ވިދާޅުވިއެވެ.

އެހެންކަމުން ކޮވިޑު ތެރޭގައި، ޑޮލަރުގެ ޑިމާންޑު އެންމެ ބޮޑަށް އޮންނަ 3 ދާއިރާކަމަށްވާ އިމްޕޯޓު، ބޭރަށް ގޮސް ކުރާ ހަރަދުތައް އަދި ރެމިޓެންސްއަށް ޑޮލަރު ބޭނުންވި މިންވަރު އޮތީ ވަރަށް ބޮޑަށް ދަށްވެފައި ކަމަށް އަޒާން ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް އޭރުވެސް ޑޮލަރުގެ އަގު އުފުލެމުން ދިޔަކަމަށާއި، ޑޮލަރަށް އޮތް ޑިމާންޑު އާންމު ހާލަތްތަކުގައި އޮންނަ ވަރަށް ނެތް ނަމަވެސް، ފަތުރުވެރިކަން ހުއްޓިފައި އޮތުމުން ޑޮލަރުން ލިބޭ އާމްދަނީ އޭރު ވަރަށް ދަށަށް ދިޔަ ކަމަށް އަޒާން ވިދާޅުވިއެވެ.

އަޒާން ވިދާޅުވީ، އައިއެމްއެފްގެ ހިސާބުތަކުން ދައްކާގޮތުން ސެޕްޓެމްބަރު 2020 ގައި ޑޮލަރުގެ އަގު ވަނީ 30 އިންސައްތަ އުފުލިފައި ކަމަށެވެ.

ކޮވިޑުގެ ހާއްސަ ހާލަތް ނިމި، އިޤްތިސާދު އަލުން ހިނގަން ފެށުމުން، ޑޮލަރަށް އޮންނަ ޑިމާންޑު އިތުރުވި ކަމަށް އަޒާން ވިދާޅުވިއެވެ. މިގޮތުން ހަމައެކަނި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުން 2025 ވަނަ އަހަރު 484 މިލިއަން ޑޮލަރު ހޭދަކުރި ކަމަށާއި، ރެމިޓެންސްގެ ގޮތުގައި 661 މިލިއަން ޑޮލަރު ރާއްޖެއިން ބޭރުވެގެން ދިޔަ ކަމުގައި އަޒާން ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ވެރިކަމުގައި މާލިއްޔަތު ޤާނޫނުގެ މާއްދާތައް ސަސްޕެންޑުކުރުމަށްފަހު، ޗާޕުކުރި ފައިސާގެ ނޭދެވޭ އަސަރު ކުރަން ފެށީ އެހިސާބުން ކަމަށް އަޒާން ވިދާޅުވިއެވެ.

މިގޮތަށް މިކަން ވާނެ ކަމަށް އައިއެމްއެފް އަދި ވޯލްޑް ބޭންކުން 2020، 2021، އަދި 2022 ވަނަ އަހަރުގައި އެކި ފަހަރު މަތިން އިންޒާރު ދީފައިވާ ކަމަށާއި، ޕްރިންޓުކުރި ފައިސާ "މޮޕް އަޕް" ކުރާނީ ކަމަށް އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވި ކަމަށް އަޒާން ވިދާޅުވިއެވެ. އެކަމަކު އެމްޑީޕީ ވެރިކަން ނިމުނުއިރުވެސް އެ ފައިސާ މޮޕް އަޕެއް ނުކުރެވުނު ކަން އަޒާން ވަނީ ފާހަގަކުރައްވާފައެވެ.

އެމްޑީޕީ ވެރިކަން ނިމި 2023 ވަނަ އަހަރު މިހާރުގެ ސަރުކާރު ވެރިކަމާއި ހަވާލުވެ ފައިސާ ޕްރިންޓްކުރުން ނިމުމަކަށް ގެނައި ކަން ފާހަގަކޮށް އަޒާން ވިދާޅުވީ، މިފަދަ ފިޔަވަޅުތަކުގެ ރަނގަޅު އަސަރު ވަގުތުން ނުފެންނާނެ ކަމަށެވެ. އެގޮތުން، މަނިޓަރީ ސިޔާސަތުތަކުގެ ނަތީޖާ ފެންނަން ބައެއް ފަހަރު އަހަރުތަކެއް ނަގާފާނެ ކަމަށާއި، ފައިސާ ޕްރިންޓުކުރުން ހުއްޓާލި ނަމަވެސް، އޭރު ޗާޕުކުރި ފައިސާ ސާކިއުލޭޝަނުގައި އަދިވެސް އެބަހުރި ކަމަށް އަޒާން ވިދާޅުވިއެވެ.

އެހެންކަމުން، 10 ދުވަސް ތެރޭގައި ޑޮލަރުގެ އަގު 19 އަށް ތިރިކުރަން ޑިމާންޑު ކުރުމަކީ ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގައި އެމްޑީޕީން ދައްކާ ވާހަކައެއް ކަމަށްވެސް އަޒާން ވަނީ ވިދާޅުވެފައެވެ.