ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަން އައިލެންޑް އޭވިއޭޝަނުން އަނެއްކާވެސް އިއުލާންކޮށްފިއެވެ.
އެ ޓާމިނަލް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އައިލެންޑް އޭވިއޭޝަނުން އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.
އައިލެންޑް އޭވިއޭޝަނުން ކުރި އިއުލާނެއްގައި ބުނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ ރޭގަނޑު 11:59 ގެ ކުރިން ކުރިމަތިލެވޭނެ ކަމަށެވެ.
އެ އިއުލށާނުގައި ބުނީ، ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެ މުއްދަތުގައި ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ޕްރޮޕޯޒަލް އެކަނި ކަމަށެވެ. އަދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި، އެ ޕްރޮޖެކްޓް ފަށާ ދުވަހުން ފެށިގެން 18 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށް ވެސް އެ އިލުލާނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ އިއުލާނުގައި ވަނީ، ކޮންޓްރެކްޓަރު ހޮވުމުގައި ކުރިން އެފަދަ ޕްރޮޖެކްޓެއް ހިންގާފައިވާ ނުވަތަ 50 މިލިއަން ރުފިޔާއަށް ވުރެ މަތީ ޕްރޮޖެކްޓްތައް ހިންގާފައިވާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށެވެ.
ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓު މިހާތަނަށް އޮޕަރޭޓުކުރަމުން ދިޔައީ ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް ކުންފުނިންނެވެ. އެ އެއާޕޯޓު އިތުރަށް ތަރައްގީކުރަން އައިލެންޑު އޭވިއޭޝަނާ ހަވާލުކުރީ މިދިޔަ އޭޕްރީލް 1 ގަ އެވެ.