ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން އިންތިޒާމުކުރާ "ކުއާޓަރީ އިންސައިޓްސް މޯލްޑިވްސް ޓޫރިޒަމް އިންޓެލިޖެންސް ބްރީފިންގ 2026" ގެ ތިންވަނަ ބައްދަލުވުން ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ ފަތުރުވެރިކަމުގެ ދާއިރާގެ ހިއްސާދާރުންނާއި، ސަރުކާރުގެ މަންދޫބުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން މީޑިއާގެ މަންދޫބުން ބައިވެރިވެ، ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދިރާސާކޮށް، ބާޒާރަށް އަންނަ ބަދަލުތައް ވަޒަންކުރުމަށާއި، ކުރިއަށް އޮތް މަސްތަކުގައި އިސްކަންދޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

އެގޮތުން މިއަދު ބާސެލޯ ނަސަންދުރަ ހޮޓެލްގައި ބޭއްވި މި ބައްދަލުވުމުގައި، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އެވިއޭޝަން އޮނަރަބަލް މުޙައްމަދު އަމީން ދެއްކެވި ވާހަކަފުޅުގައި، ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވީއެމްސީގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވީ، ފަތުރުވެރިންގެ އާދަކާދަތަކާއި، މާކެޓްގެ ހާލަތްތަކާއި، ވައިގެ ދަތުރުފަތުރުގެ ގުޅުންތަކަށް އަންނަ ބަދަލުތަކަށް ބަލައި، ރާއްޖެ އިޝްތިހާރު ކުރުމުގައި ތަފާސްހިސާބުތަކާއި ސިނާޢަތުގެ މައުލޫމާތުގެ ބޭނުން ހިފުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ޝިއުރީ ވިދާޅުވީ، ފަތުރުވެރިކަމަކީ ވަރަށް ހަލުވިކަމާއެކު ބަދަލުވަމުންދާ ދާއިރާއެއް ކަމަށާއި، ފަތުރުވެރިންގެ ދަތުރުކުރުމަށް އަންނަ ބަދަލުތަކާއި، ބާޒާރުގެ ހާލަތްތަކައް އަންނަ ބަދަލުތައް، އަދި ވައިގެ މަގުން ގުޅާލެވޭ ގޮތްތަކަށް ބަދަލު އައިސް އައު ފުރުސަތުތަކެއް އުފެދޭނެ ކަމަށެވެ. އެގޮތުން ވީއެމްސީގެ މާކެޓިންގ ހަރަކާތްތައް ހިންގަންވާނީ މި ހަގީގަތްތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށާއި، އެއީ ހެކިތަކުގެ މައްޗަށް ބިނާވެފައިވާ، ސިނާޢަތުގެ ބޭނުންތަކަށް އިޖާބަދޭ، އަދި ހާލަތާ އެއްގޮތަށް ބަދަލުކުރެވޭ ފަދަ ހަރަކާތްތަކަކަށް ވާންޖެހޭނެ ކަމަށް ވެސް ޝިއުރީ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ފަތުރުވެރިންގެ ދަތުރުކުރުމުގެ އާދަކާދަތަކާއި ދަތުރުފަތުރުގެ ގުޅުންތަކާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ހިއްސާކުރެވުނު ކަމަށް ވީއެމްސީއިން ބުނެއެވެ. އެގޮތުން ސީޑީއީ ކޮންސަލްޓިންގގެ ފަރާތުން 'މޯލްޑިވްސް ވިޒިޓަރ ސަރވޭ 2025' ގެ ލީޑް ކޮންސަލްޓަންޓް ޑރ. ސިމާދު ސައީދު ވަނީ ފަތުރުވެރިންގެ ޕްރޮފައިލާއި، ދަތުރުކުރުމުގެ އާދަކާދަތަކާއި، އެފަރާތްތަކުން އިސްކަންދޭ ކަންކަމާ ގުޅޭ ހޯދުންތައް ހުށަހަޅުއްވައިދެއްވާފައެވެ. އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އެއަރ ސަރވިސް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރ ނަޝާޔާ އަބްދުލްވާހިދު ވަނީ ވައިގެ ދަތުރުފަތުރުގެ ގުޅުންތަކާއި، ޑިމާންޑް އިއާދަވަމުންދާ މިންވަރާއި، ކުރިމަގުގެ އަންދާޒާތަކާ ގުޅޭ މައުލޫމާތު ދެއްވާފައެވެ.