ބ. ކަމަދޫގައި ހިންގާ ގެސްޓުހައުސްތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މި މަހު 11 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތަކީ، ގެސްޓުހައުސް ވިޔަފާރިކުރާ ފަރާތްތަކާއި އެ ރަށުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން ކުށްތަކުން ރައްކާތެރިކުރުވުމަށާއި ހޭލުންތެރިކުރުވުމަށް ކަމަދޫ ޕޮލިސް ޕޯސްޓުން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ. މި ހަރަކާތުގައި، ކަމަދޫ ގެސްޓުހައުސްތަކަށް ޒިޔާރަތްކޮށް، ގެސްޓުހައުސް ވިޔަފާރިތަކަށް އަމާޒުކޮށް ސްކޭމްގެ ގޮތުގައި ހިންގަމުންދާ ކަންކަމަށް ހޭލުންތެރިވެ ރައްކާތެރިވެތިބުމަށްކުރެވިދާނެ ކަންކަން ކިޔައިދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމަށް ގެސްޓުހައުސްތަކުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމަށާއި، ފަތުރުވެރިން ގެންގުޅޭ ތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭނެ ކަންކަން ކިޔައިދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުުރުން، ކުށުގެ މާހައުލުގައި އުޅޭ ފަރާތްތަކުން ވަގަށް ނަގައިގެން ވިއްކާ ތަކެތި ނުގަތުމަށާއި އެފަދަ ކަމެއް ފާހަގަވެއްޖެނަމަ ފުލުހުންނަށް ރިޕޯޓުކުރުމަށާއި، ލައިސަންސް ނެތި އަދި ރަޖިސްޓްރީ ބޯޑު ނުޖަހައި އެއްގަމު އުޅަނދު ނުދުއްވުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.