ކުޅިވަރާއި ޒުވާނުންނާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުއްލަތީފް އަހުމަދު އެ މަގާމުން ވަކިކުރައްވައިފިއެވެ.

އެނގިފައިވާގޮތުގައި ލަތީފް މަގާމުން ވަކިކުރެއްވީ ސިޔާސީ މަގާމުތައް މަދުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުންނެވެ.

ލަތީފް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކްލެމެންސީ ބޯޑުގެ މެންބަރުކަންވެސް ކުރައްވާފައެވެ. އަދި އޭނާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުކަން ވެސް ކުރައްވާފައެވެ.

ލަތީފް މަގާމުން ވަކިކުރައްވާފައި ވާއިރު، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ފައިރޫޝްވެސް ވަނީ މިއަދު މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިރޫޝް ވިދާޅުވީ ރަނގަޅަށް ވިސްނެވުމަށް ފަހު، މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ކަމަށެވެ.

އެގޮތުން މިއީ، ސަރުކާރުގެ ވަޒީފާތައް އަދާކުރުމުގެ ބާބު ނިމުމަކަށް ގެންނަން އެންމެ ރަނގަޅު ވަގުތު ކަމަށާއި ހިދުމަތް ކުރުމުގެ ފުރުސަތު ލިބުމުން ޝުކުރުވެރިވާ ކަމަށް ފައިރޫޝް ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.