މާލެ ސިޓީގެ މަގުތަކާއި ސަރަހައްދުތައް ގޮނޑުވެ، ހަޑިވަމުންދަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އިހުމާލުން ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް މިހެން ވިދާޅުވީ ބުދަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ.

އެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެންބަރު ހުސައިން ފުރުޝާން ހުށައެޅުއްވި މައްސަލައަކާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން އާޒިމް ވަނީ ވެމްކޯގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން އާޒިމް ވަނީ، ވެމްކޯއިން މަސައްކަތް ކުރަމުންދަނީ ގަސްދުގައި ސިޓީ ކައުންސިލަށް ދަތިކޮށް ގެއްލުން ދިނުމުގެ ނިޔަތުގައި ކަމަށް ތުހުމަތުކުރައްވާފަ އެވެ.

އާޒިމް ވިދާޅުވީ، މާލެ ސިޓީ ސަރަހައްދުގައިވާ މިސްކިތްތަކުން ކުނި ނެގުމަކީ ވެސް ވެމްކޯގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް، އެ ކުންފުނިން ނަގަން ޖެހޭ ކުންޏެއްގެ ސަބަބުން ކައުންސިލްގެ އަތުން އިތުރު ފައިސާ ނެގުމަކީ ބޭއިންސާފުން ކުރަމުންދާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

މީގެއިތުރުން، ވެމްކޯއާ އެކު މަސައްކަތް ކުރުމަކީ މިހާރު ވަރަށް އުނދަގޫ ކަމެއް ކަމަށް އާޒިމް ފާހަގަކުރެއްވި އެވެ. އެގޮތުން މީގެ ކުރިން ދެ ފަރާތުގެ ދެމެދުގައި ބޭއްވުނު ބައްދަލުވުމުގައި ވެވުނު އެއްބަސްވުންތަކާ އެއްގޮތަށް ވެމްކޯއިން އަމަލު ކުރަމުން ނުދާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.