ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން، މިއަހަރުގެ ބޭންކް ފަންޑް ލިބޭ ޖަމިއްޔާތައް ހޮވައިފިއެވެ.
ބީއެމްއެލް އިން އާންމުކޮށްފައިވާ ގޮތުގައި، މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުވުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ މަގްސަދުގައި އެ ބޭންކުން ހިންގާ ހިލޭ އެހީގެ ފަންޑެކެވެ.
މި އަހަރުގެ ބޭންކް ފަންޑަށް ހޮވުނު ޖަމިއްޔާތަކާއި މަޝްރޫއުތަކަށް ބަލާލާއިރު، ދިއްދޫ ކުރިމަގުގެ ފަރާތުން ހއ. ދިއްދޫގައި 'ހައިވް' ގެ ނަމުގައި ޑިޖިޓަލް ވަސީލަތްތަކާއެކު، ޑިޖިޓަލް ތައުލީމާއި، އައު އީޖާދުތަކާއި، އިޖުތިމާއީ އެކި ހަރަކާތްތަކަށް ހާއްސަ މަރުކަޒެއް މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށް ގާއިމުކުރުން، ޔުނިޓީ ސްޕޯޓްސް އެކަޑަމީގެ ފަރާތުން ށ. ފުނަދޫގައި އޮންނަ ރީތި ފެނުގެ ކުޅިއެއް ކަމަށްވާ މާމުލި ކުޅި އާލާކޮށް، އެ ސަރަހައްދުގައި 'މާމުލި އިކޯ ޕާކް' ތިމާވެށި ހިމާޔަތްކުރުމަށާއި މުޖުތަމަޢުގެ އެކި ބޭނުންތަކަށް ފަރުމާކުރެވޭ ތަނެއް ތަރައްގީކުރުން ހިމެނެ އެވެ. އަދި ލާމު ފާމާސް އެސޯސިއޭޝަންގެ ފަރާތުން ލ. ފޮނަދޫ އަދި ލ. ގަމުގައި 'ފަހިގޮވާން ވެލިއު-އެޑެޑް އެގްރޯ-ޕްރޮސެސިންގ ހަބް'، ދަނޑުވެރިންނަށް އެހީތެރިވުމަށާއި، ލިބޭ މަންފާ އިތުރުކުރެވޭނެ މަގުތައް ތަނަވަސްކޮށްދިނުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތައް ދެނެގަނެގެން ދަނޑުވެރިކަން ކުރިއެރުވުމަށް ހިންގާ މަޝްރޫއެއް ގާއިމުކުރުން ވެސް ހިމެނެ އެވެ.
މީގެ އިތުރުން ބްލޫ ގިލްޑް ފައުންޑޭޝަންގެ ފަރާތުން ކަނޑިތީމުގައި ހުންނަ ށ. އަތޮޅު ސްކޫލްގައި ދަރިވަރުންގެ ހުނަރު ތަރައްގީކުރުމަށް 'މޭކަ ސްޕޭސް'، ދަރިވަރުންގެ އުފެއްދުންތެރިކަމާއި، ބޭނުންވާ އަމަލީ ތަޖުރިބާ ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫއެއް ގާއިމުކުރުމާއި، ކަލައިދޫ ވިންގްސްގެ ފަރާތުން ލ. ކަލައިދޫ ބަނދަރުގައި، ފެރީއަށް މަޑުކޮށްލައިގެން ތިބެވޭނެ ޖާގައެއް ގާއިމްކުރުމާއި، ފާހާނާއާއި، ކުޑަ ލައިބްރަރީއެއްގެ އިތުރުން ޑިޖިޓަލް ނޯޓިސް ބޯޑެއްވެސް ބަހައްޓާ، 'ކަލައިދޫ ވިންގްސް ހިޔާ' ތަރައްގީކުރުންވެސް ހިމެނެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެ އެވެ.
ބީއެމްއެލް އިން ބުނީ، 'ބޭންކް ފަންޑް' އަކީ ބޭންކަށް ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ އަހަރަކުވެސް ފާހަގަކޮށްލެވޭ ފަސް މަޝްރޫއެއް ހޮވައި، ކޮންމެ މަޝްރޫއަކަށް 200,000 ރުފިޔާގެ ހިލޭ އެހީ ފޯރުކޮށްދޭ ފަންޑެއް ކަމަށެވެ.
ބީއެމްއެލްގެ އަމާޒަކީ ދިވެހި މުޖުތަމައު ބާރުވެރިކުރުވައި، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް އެއްބާރުލުން ދިނުން ކަން ފާހަގަކޮށް، މުޖުތަމައުގެ ތަރައްގީއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މަޝްރޫއުތަކަށް ބޭންކުން މުހިންމު އަހުމިއްޔަތުކަމެއް ދެމުން އަންނަ ކަމަށް އެބޭންކުން ބުނެ އެވެ. ބީއެމްއެލް އިން ބުނީ މިހާތަނަށް ބޭންކް ފަންޑްގެ ދަށުން 14 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ބޭންކުން ކުރިން ހިންގި ކޮމިއުނިޓީ ފަންޑްގެ ދަށުން 100 ޕްރޮޖެކްޓަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް އެ ބޭންކުން ބުނެ އެވެ.