ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށްދޭނެ ބަޔަކު ހޯދަން އައިލެންޑް އޭވިއޭޝަނުން އަނެއްކާވެސް އިއުލާންކޮށްފިއެވެ.
އެ ޓާމިނަލް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އައިލެންޑް އޭވިއޭޝަނުން އެންމެ ފުރަތަމަ އިއުލާންކުރީ މި އަހަރުގެ މެއި މަހުއެވެ.
ރޭ ކުރި އިއުލާނުގައި އެ ކުންފުނިން ބުނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ އަންގާރަ ދުވަހުގެ ރޭގަނޑު 11:59 ގެ ކުރިން ކުރިމަތިލެވޭނެ ކަމަށެވެ. އަދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 10 ވަނަ ދުވަސް ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފައި ވެއެވެ.
ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް އެ ޕްރޮޖެކްޓް ފަށާ ދުވަހުން ފެށިގެން 18 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން އައިލެންޑް އޭވިއޭޝަނުން ބުނީ ކޮންޓްރެކްޓަރު ހޮވުމުގައި ކުރިން އެފަދަ ޕްރޮޖެކްޓެއް ހިންގާފައިވާ ނުވަތަ 50 މިލިއަން ރުފިޔާއަށް ވުރެ މަތީ ޕްރޮޖެކްޓްތައް ހިންގާފައިވާ ޕާޓީތަކަށް އިސްކަން ދޭނެ ކަމަށެވެ.
އޮކްޓޯބަރު 17، 2012 ގައި ހުޅުވި ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓު މިހާތަނަށް އޮޕަރޭޓުކުރަމުން ދިޔައީ ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް ކުންފުނިންނެވެ.
ދަރަވަންދޫ އެއަރޕޯޓަކީ ރާއްޖޭގެ އެންމެ ބާރުބޮޑު އެއް އެތެރޭގެ އުދުހުންތަކުގެ މަރުކަޒެވެ. މިގޮތުން ޔުނެސްކޯ ބަޔޯސްފިއަރ ރިޒަރވްއެއް ކަމުގައިވާ ބާ އަތޮޅުގައި 16 ރިސޯޓާއި 79 އަށްވުރެ ގިނަ ގެސްޓްހައުސް ހިންގަމުންދާއިރު، މިހާތަނަށް އެ އެއަރޕޯޓުން 42,000 އަށްވުރެ ގިނަ ފްލައިޓް ދަތުރުކޮށް، 1.8 މިލިއަން މީހުންނަށް ވަނީ ޚިދުމަތްދީފައެވެ.