ހުޅުމާލޭގައި ގާއިމްކޮށްފައިވާ މެކޭނިކަލް ޕާކިން ސިސްޓަމް ބޭނުން ނުކުރާތީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)، ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ކުޑޫ، ހައުސިން ޑިވެލެޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީ އަށް ފޮނުއްވި ސިޓީއެއްގައި ވަނީ، ހުޅުމާލޭ ފުރަތަމަ ފިޔަވެހީގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ މެކޭނިކަލް ޕާކިން ސިސްޓަމް ބޭނުން ނުކޮށް ގިނަ ދުވަސްތަކެއް ވަމުންދާކަން ފާހަގަކުރައްވާފަ އެވެ.

އެގޮތުން، ހުޅުމާލެ ފުރަތަމަ ފިޔަވެހީގެ ފިޔަވަތި، ފްލެޓް 2، ދިއްދޫ ހޮޓާ، އެސްޖޭ މޯލް، ގާޒީ ސްކޫލް އަދި އަމީން އެވެނިއުގެ އިތުރުން އޯޝަން ފްރަންޓާއި ރަޝީދު މިސްކިތް ކައިރި ހިމެނޭހެން 8 ސަރަހައްދެއްގައި ހަދާފައިވާ ޖުމްލަ 10 މެކޭނިކަލް ޕާކިން ސިސްޓަމް އާންމުންނަށް ބޭނުން ކުރެވޭނެހެން ހުޅުވާނުލައި ހުންނަތާ މިހާރު 7 އަހަރާ 7 މަސް ވެފައިވާކަމަށް ކުޑޫ ވިދާޅުވި އެވެ.

ކުޑޫ ވިދާޅުވީ، ޖުމްލަ 300 އުޅަނދު ޕާކުކުރެވޭނެ ޖާގަ ހިމެނޭ މި ސިސްޓަމްތަކަކީ މިހާތަނަށް އާންމު ރައްޔިތަކަށްވެސް، އަދި ދައުލަތަށްވެސް އެއްވެސް ފައިދާއެއް ނުލިބި، އިސްރާފެއްގެ ގޮތުގައި ފާހަގަކުރެވޭ ތަންތަން ކަމަށެވެ.

މީގެ އިތުރުން، 2019 ވަނަ އަހަރުން ފެށިގެން މި 300 ޕާކިން ޖާގަ ދުވާލަކު އެންމެ 100 ރުފިޔާގެ މަގުން ކުއްޔައް ދޫކުރި ނަމަވެސް، މިއަދާ ހަމައަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 83 މިލިއަން ރުފިޔާ އަށްވުރެ ގިނަ ފައިސާ ލިބޭނެކަމަށް ތަފާސްހިސާބުތަކުން ދައްކާކަމަށް ކުޑޫ ވަނީ ވިދާޅުވެފަ އެވެ.

ކުޑޫ ވަނީ، މި ސިސްޓަމްތަކުގެ "ބޮޑުބައި" ބަލާބެލުމަށް އަދިވެސް ރަނގަޅުކަމަށް ފެންނަކަން ފާހަގަކުރައްވާ، މީގެ ތެރެއިން އެއް ސިސްޓަމް ރޫޅާލުމަށްފަހު އޭގެބައިތަށް މިހާރު އޯޝަން ފްރަންޓުގެ ކުރިމަތީ ހުސްބިމުގައި ބަހައްޓާފައިވާކަމަށް ބުނެފަ އެވެ.

ހަމަމިއާއެކު ހުޅުމާލެ އަކީ އެޗްޑީސީގެ ބެލެނިވެރިކަމުގެ ދަށުގައިވާ ރަށަކަށް ވީ ހިނދު، މި ސިސްޓަމްތައް ބޭނުން ނުކުރުމާ ގުޅޭ 3 ސުވާލެއްވެސް ކުޑޫ ވަނީ އެ ކޯޕަރޭޝަނަށް ފޮނުއްވި ސިޓީގައި ހިމަނާފަ އެވެ.