ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދުވެސް ބޯކޮށް ވާރޭ ވެހި، މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.

މެޓުން ބުނީ، ރާއްޖޭގެ އެކިހިސާބަށް ކުރިއަށް އޮތް ވަގުތުތަކުގައި ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާކަމަށެވެ.

މީގެ އިތުރުން، ކުރިޔަށް އޮތް 24 ގަޑިއިރު، ދެކުނުގެ އަތޮޅުތަކުގައި އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި، މެދުރާއްޖޭގެ އަތޮޅުތަކުގައި ހުޅަނގުދެކުނާއި ހުޅަނގު އަދި އުތުރުގައި ހުޅަނގާއި ހުޅަނގު އުތުރުން، ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.

ހަމަމިއާއެކު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވީ ނަމަވެސް، ދެކުނުގައި އާދައިގެވަރަކަށް ކަނޑުމަޑުވާނެ ކަމަށާއި އެހެން ހިސާބުތަކަށް އާދައިގެ ވަރަކަށް ކަނޑު ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ވަނީ، ރާޅުގެ އުސްމިން ދެކުނުގެ އަތޮޅުތަކުގައި ހުންނާނީ 1 ފޫޓާއި 3 ފޫޓާ ދެމެދުގައި ކަަމަށާއި އެހެން ސަރަޙައްދުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 5 ފޫޓާ ދެމެދުގައި ކަމަށްވެސް ބުނެފަ އެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑް ކުރެވިފައިވަނީ ގދ. ފަރެސްމާތޮޑާއަށެވެ. އެއީ 61.0 މިލިމީޓަރުގެ ވާރޭއެވެ.

މީގެ އިތުރުން، ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރު ކުރާ ފަރާތްތަތަކުން ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.