ހުރްމުޒް ކަނޑުއޮޅި އެއްކޮށް އަލުން ހުޅުވޭނީ އެމެރިކާއިން އީރާންގެ ޝަރުތައް ގަބޫލުކުރުމުން ކަމަށް، އީރާންގެ އެންމެ މަތީ ފަންތީގެ ސަލާމަތީ އޮފިޝަލް ވިދާޅުވެއްޖެއެވެ.

އީރާންގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެސްއެންއެސްސީ) ގެ އާ ވެރިޔާ މުޙުސިން ރަޒާއީ، މިހެން ވިދާޅުވީ ޗައިނާއިން އީރާނަށް ކަނޑައަޅާފައި ހުންނަ ސަފީރު ޒޮންގް ޕިޔޫއާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.

މުހުސިން ރަޒާއީ ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅި އެއްކޮށް ހުޅުވުމަށްޓަކައި އެމެރިކާއިން އީރާނާއި އީރާންގެ ސަރަޙައްދީ އެކުވެރިންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލައި، އީރާންގެ ހިފަހައްޓާފައިވާ ފައިސާ ދޫކޮށްދޭން ޖެހޭނެ ކަމަށެވެ.

އެ ޝަރުތައް ގަބޫލުނުކުރާހާ ހިނދަކު ކަނޑުއޮޅި ނުހުޅުވާނެ ކަމަށް ރަޒާއީ ވިދާޅުވިއެވެ. އެގޮތުން އެމެރިކާގެ އަމަލުތަކަށް ބަދަލުނުގެންނަހާ ހިނދަކު އަދި އީރާންގެ ޝަރުތުތައް ގަބޫލުނުކުރާހާ ހިނދަކު، ހުރްމުޒް ކަނޑުއޮޅި ނުހުޅުވާނެ ކަމަށްވެސް ރަޒާއީ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ފާއިތުވި ހަފުތާތަކުގައި ދެ ފަރާތުގެ މެދުގައި ނުސީދާ ގޮތެއްގައި މަޝްވަރާކުރަމުންދިޔަ މެދުވެރިންގެ ޒަރިއްޔާއިން، އިތުރު ބައެއް ޝަރުތުތައްވެސް އެމެރިކާއަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ކަމާ ގުޅޭގޮތުން އީރާންގެ ސަލާމަތީ އޮފިޝަލް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އީރާންގެ މެސެޖު ސާފު ކަމަށާއި، އެމެރިކާއިން ހަނގުރާމައާއި ހިސާރު ހުއްޓާލައި، އީރާންގެ ހިފަހައްޓާފައިވާ ފައިސާ ދޫކޮށްލައި، އަދި ލުބުނާނާއި ޣައްޒާ ހިމެނޭ ގޮތަށް މުޅި ސަރަޙައްދުގެ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވަންދެން ހުރްމުޒް ކަނޑުއޮޅި ނުހުޅުވާނެ ކަމަށެވެ. އަދި ހުރިހާ ޝަރުތަކެއް ފުރިހަމަވަންދެން ކަނޑުއޮޅި ބަންދުކޮށްފައި އޮންނާނެ ކަމަށްވެސް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ބައިނަލްއަޤްވާމީ ބާޒާރުގައި ހަކަތައާއި ދަނޑުވެރިކަމަށް ބޭނުންވާ ތަކެތީގެ އަގު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާތީ، އެ ކަނޑުއޮޅި އަލުން ހުޅުވުމަށް އެމެރިކާއިން ދަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ.

އީރާނާއި އެމެރިކާއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން، އެމެރިކާއިން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ހިސާރު ކުއްލިއަކަށް އުވާލުމުގެ ބަދަލުގައި، ކަނޑުއޮޅި ބެލެހެއްޓުމުގެ ކަންކަން އީރާނުން ކުރުމަށް އަދި ދަތުރުފަތުރުކުރުން ކުރީގެ ހާލަތަށް ގެނައުމަށް ވަނީ އެއްބަސްވެފައެވެ. ނަމަވެސް އެމެރިކާއިން އެ އެއްބަސްވުމާ ޚިލާފުވެ، ކަނޑުއޮޅި ބެލެހެއްޓުމުގައި އީރާނަށް އޮތް ބާރު ކަނޑުވާލަން މަސައްތްކުރުމާ ގުޅިގެން އީރާނުން ވަނީ އަނެއްކާވެސް ކަނޑުއޮޅިއަށް ހުރަސްތައް ކުރިމަތިކޮށްފައެވެ.

ޗައިނާ ސަފީރާއެކު ބޭއްވެވި ބައްދަލުވުމުގައި ރަޒާއީ ވަނީ، މާރިޗު މަހު އެމެރިކާއި އިޒްރޭލުން އީރާނަށް ދިން އުދުވާނީ ހަމަލާތަކުގެ ދުވަސްވަރު، އ.ދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުނު އީރާނާ ދެކޮޅު ގަރާރާ ދެކޮޅަށް ޗައިނާއިން ނިންމި ނިންމުމަށް ތަޢުރީފުކުރައްވާފައެވެ. އަދި އީރާނާއި ޗައިނާއާ ދެމެދު އޮތް ސްޓްރެޓީޖިކް ބައިވެރިވުމާއި، ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ) އަދި ބްރިކްސް ފަދަ ބައިނަލްއަޤްވާމީ މުހިންމު ޖަމްޢިއްޔާތަކުގެ މެންބަރުންގެ ގޮތުގައި ދެ ޤައުމު ހިމެނޭކަން ފާހަގަކުރައްވައި، މިއީ ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ތަރައްޤީ ކުރުމަށް ލިބިގެންދާނެ ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޗައިނާ ސަފީރު ޒޮންގް ޕިޔޫ ވިދާޅުވީ، އެމެރިކާއި އިޒްރޭލުން އީރާނަށް ދެމުންދާ އަސްކަރީ އުދުވާނާ ޗައިނާއިން ދެކޮޅު ހަދާ ކަމަށެވެ. އަދި ހުޅަނގު އޭޝިއާގައި ސުލްޙައާއި ހަމަޖެހުން ޤާއިމުކުރުމަށްޓަކައި ޗައިނާގެ ރައީސް ޝީ ޖިންޕިން ހަތަރު ނުކުތާގެ މައްޗަށް އެކުލެވޭ ހުށަހެޅުމެއް ހުށަހަޅުއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.