ރާއްޖެއަށް ތެޔޮ ގަތުމަށް 50 މިލިއަން ޑޮލަރުގެ ލޯނެއް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭޑީބީން ދީފި އެވެ.
އޭޑީބީން ބުނީ އެ ލޯނު ދޫކޮށްފައިވަނީ އޭޑީބީގެ 'އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް'ގެ ދަށުން ކަމަށްވީ އިރު، އޭޑީބީއިން މި އެހީ ދީފައިވަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބާރުބޮޑުވަމުންދާތީ، ތެޔޮ އެތެރެ ކުރުމަށާއި، ކަރަންޓާއި ފެނުގެ ހިދުމަތް އަދި އެހެނިހެން ހިދުމަތްތައް މެދުކެނޑުނަނުދީ ދެމެހެއްޓުމަށްޓަކައި ކަމަށެވެ.
އެގޮތުން އޭޑީބީގެ މި އެހީ ބޭނުންކުރަން ޖެހޭނީ ކަރަންޓު އުފެއްދުމަށް ބޭނުންވާ ޑީސަލް އެތެރެކުރުމަށާއި، ކާބޯތަކެއްޗާއި ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ތަކެތި އުފުލުމުގެ ލޮޖިސްޓިކްސްއަށާއި، އަތޮޅުތެރޭގެ ދަތުރުފަތުރާއި މުދާ އުފުލުމުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަސައްކަތަށެވެ.
އޭޑީބީން ވަނީ ރާއްޖެއަކީ އެކީގައިހެން އެތެރެކުރާ ތެލަށް ބަރޯސާވާ ގައުމެއް ކަމަށާއި ކަރަންޓު އުފެއްދުމުގެ 94 އިންސައްތަ ހިއްސާކުރަނީ ޑީސަލް ކަން ފާހަގަކޮށްފަ އެވެ.
އޭޑީބީން ބުނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މާލީ ގޮތުން ދަތިވެ ރާއްޖެއަށް ތެޔޮ އެތެރެކުރުމުގެ އުނދަގޫތައް ކުރިމެތިވެފައިވާ ކަމަށް އޭޑީބީން ބުނެ އެވެ.
އޭޑީބީން މި ލޯނު ދިންއިރު، ވޯލްޑް ބޭންކުން ވެސް ވަނީ ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ ފައިސާގެ ތެރެއިން 40 މިލިއަން ޑޮލަރުގެ ލޯނެއް ތެޔޮ އެތެރެކުރުމަށް މިދިޔަ މޭ މަހު ހަމަޖައްސައިދީފަ އެވެ. މިއާއެކު، ތެލުގެ ސަޕްލައި އާއި ގުޅުންހުރި ހިދުމަތްތައް ދެމެހެއްޓުމަށް އެ ދެ ބޭންކު ގުޅިގެން ދޭ އެހީގެ ޖުމްލަ އަދަދު ވަނީ 90 މިލިއަން ޑޮލަރަށް އަރާފަ އެވެ.