އުރީދޫ މޯލްޑިވްސްގެ 21 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މާސްޓަކާޑާ ގުޅިގެން "މާސްޓަކާޑު ގިވްއަވޭ" ޕްރޮމޯޝަން އިފްތިތާހުކޮށް، ދެ މީހުންނަށް މެލޭޝިޔާއަށް ދެކޮޅު ޓިކެޓު ކާމިޔާބުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިކަމާ ގުޅިގެން އުރީދޫއިން ވަނީ، 1 އޮގަސްޓުން 30 ސެޕްޓެމްބަރުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އުރީދޫ ސުޕައެޕް މެދުވެރިކޮށް 400 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރު އަދަދަކުން މާސްޓަކާޑު ބޭނުންކޮށްގެން ފައިސާގެ މުއާމަލާތްކުރާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކަމަށް ބުނެފަ އެވެ.
އުރީދޫއިން ބުނީ ޓޫރިސްޓް އަދި މޮބައިލް ބްރޯޑްބޭންޑް ޕްލޭންތައް މި ޕްރޮމޯޝަނުގައި ނުހިމެނޭކަމަށެވެ.
ހަމަމިއާއެކު، ޝަރުތު ހަމަވާ ކޮންމެ މުއާމަލާތަކާއެކު ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުނެފައިވާ އިރު، ގުރުއަތު ނަގާ ވަގުތު ކަސްޓަމަރަކީ ހިދުމަތް މެދުކެނޑިފައިނުވާ އަދި ދައްކަންޖެހޭ ފައިސާއެއް ނުދައްކައި ނެތް ކަސްޓަމަރަކަށް ވާންޖެހޭނެކަމަށްވެސް ބުނެ އެވެ.
އެގޮތުން އުރީދޫ އެޕް މެދުވެރިކޮށް މަދުވެގެން 400 ރުފިޔާގެ އެއް މުއާމަލާތް މާސްޓަކާޑުން ކުރާ ކަސްޓަމަރުންނަށް ގުރުއަތުގައި ބައިވެރިވުމުގެ އެއް ފުރުސަތު ލިބޭނެކަމަށް އުރީދޫ އިން ވަނީ މައުލޫމަތުދީފަ އެވެ.
އުރީދޫއިން ބުނީ ސޭވްކޮށްފައިވާ މާސްޓަކާޑެއް ބޭނުންކޮށްގެން ފައިސާ ދައްކާ ކަސްޓަމަރުންނަށް ދެ ފުރުސަތު ލިބޭނެކަމަށާއި، މާސްޓަކާޑު ބޭނުންކޮށްގެން އޮޓޯޕޭ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް، ޝަރުތު ހަމަވާ ކޮންމެ މުއާމަލާތަކަށް ފަސް ފުރުސަތު ލިބޭނެކަމަށެވެ. އަދި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ޝަރުތު ހަމަވާ ގިނަ މުއާމަލާތްތަކެއް ކޮށްގެން ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތުތައް އިތުރުކުރެވޭނެކަމަށްވެސް އުރީދޫ އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން، އުރީދޫ އެޕް މެދުވެރިކޮށް ލިބެން ހުންނަ އޮޓޯޕޭގެ ސަބަބުން ކާޑުގެ މައުލޫމާތު ރައްކާތެރިކަމާއެކު ސޭވްކޮށް، ބޭނުންވާ ތާރީހެއްގައި އޮޓޯއިން ފައިސާ ދެއްކޭގޮތް ހަމަޖެއްސޭކަމަށާއި، އަމިއްލައަށް ހަނދާންކޮށްގެން ފައިސާ ދެއްކުމުގެ ބަދަލުގައި، އޮޓޯޕޭ ސެޓްއަޕް ކުރުމުން ޝަރުތު ހަމަވާ މުއާމަލާތްތައް އޮޓޯއިން ކުރިއަށްދާނެކަން އުރީދޫއިން ވަނީ ފާހަގަކޮށްފަ އެވެ.
އުރީދޫ ހިދުމަތްތަކާ ގުޅޭގޮތުން އެހީތެރިކަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫ އޭއައި ޑިޖިޓަލް އެސިސްޓެންޓް "އެވީ" މެދުވެރިކޮށް މައުލޫމާތާއި އެހީތެރިކަން ހޯދޭނެކަން ފާހަގަކޮށް އުރީދޫއިން ބުނީ އެއްފަހަރު ކުރާ މުއާމަލާތެއް ކަމުގައި ވިޔަސް، ސޭވްކޮށްފައިވާ ކާޑަކުން ކުރާ މުއާމަލާތެއް ކަމުގައި ވިޔަސް ނުވަތަ އޮޓޯޕޭ މެދުވެރިކޮށް ކުރާ މުއާމަލާތެއް ކަމުގައި ވިޔަސް، މާސްޓަކާޑުން ކުރާ ޝަރުތު ހަމަވާ ކޮންމެ މުއާމަލާތަކީ މެލޭޝިޔާ ދަތުރާ ގާތަށް އެޅޭ ފިޔަވަޅެއްކަމަށެވެ.