ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ 2024 އަދި 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް އެ މަޖިލީހުގެ އެދުމުގެ މަތިން މިއަދު ކޮމިޝަން މެންބަރުން ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން އާންމުކޮށްފައިވާ ގޮތުގައި، ޖުމްލަ ގޮތެއްގައި ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮމިޝަނަށް ފާހަގަވާ މައްސަލަތަކުގެ މައުލޫމާތު ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ، އަހަރީ ރިޕޯޓާއި ގުޅޭގޮތުން ހުށަހެޅި މައުލޫމާތުގެ ތެރޭގައި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ކަމާ ގުޅޭ ގާނޫނުތަކުން ކޮމިޝަނަށް މަތިކޮށްފައި ހުރި ކަންކަން 2024 އަދި 2025 ވަނަ އަހަރު ކުރިއަށް ގެންދެވުނު ގޮތާއި އެކަންކަން ދައުލަތާއި ސަރުކާރުގެ ނިޒާމުގެ ތެރޭގައި ކުރަމުން ގެންދިއުމުގައި ދިމާވާ ގޮންޖެހުންތަކާ ހައްލުތަކުގެ މަޝްވަރާ ވެސް ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

މީގެ އިތުރުން، ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނު ގައި ބުނާ 2024 އަދި 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ރައްޔިތުންގެ މަޖިލީހާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހެޅި ރިޕޯޓުގެ ނަކަލު ކޮމިޝަނުގެ ވެބްސައިޓުގައި އާންމު ކޮށްފައިވާނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެ އެވެ.