ރާއްޖޭގެ މަސްވެރިކަމުގައި މިހާރު ހަގީގީ ވާދަވެރި ބާޒާރެއް އުފެދެއްޖި ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރު ވިދާޅުވީ، ޔޫރަޕާއި އިންގިރޭސިވިލާތުން ނަގާ ޓެކްސް ކުޑަ ކުރުމަށް މަސަައްކަތް ކުރާތާ މިހާރު 14 ވަރަކަށް އަހަރު ވެފައިވާ ކަމަށެވެ. ނަމަވެސް މީގެން އެއްވެސް ޓެރިފްއެއް ސަސްޕެންޑެއް ވެސް އަދި ކުޑައެއް ވެސް ނުވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ 2 މަސް ކުރިން ދިވެހިރާއްޖެއިން އެންމެ ގިނަ މަސް ޔޫރަޕަށް ބޭރުކުރާ އެއް ބާޒާރަކީ އިނގިރޭސިވިލާތް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ވަޒީރު ވިދާޅުވީ، އިނގިރޭސިވިލާތުގެ ބާޒާރުން ދިވެހި ރާއްޖޭގެ މަހަށް ނަގަމުންއައި 20 އިންސައްތައިން ފެށިގެން 24 އިންސައްތައިގައި ހުރި ޓެރިފް މިހާރު 0 އަށް ބަދަލު ކުރެވިއްޖެ ކަމަށާއި، އިނގިރޭސިވިލާތަށް ގާތަގަނޑަކަށް 18 މިލިޔަން ޕައުންޑްގެ މަސް އެކްސްޕޯޓުކޮށްފައިވާ ކަމަށެވެ.
އެހެން ކަމުން މިހާރު ހޮރައިޒަން ފިޝަރީޒް، އެންސިސް ފިޝަރީޒް އަދި މިފްކޯއިން ވެސް ރަނގަޅު އަގުގައި މަސްވެރިން އަތުން މަސް ގަންނަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ދެތިން ދުވަހުން އައި ބަދަލުތަކެއް ނޫންކަން ފާހަގަކޮށް ވަޒީރު ވިދާޅުވީ، މިއީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ފުރަތަމަ ދުވަހުން ފެށިގެން މަސްވެރިކަމުގެ ދާއިރާ ކޮޅަށް ޖެއްސެވުމަށް ގިނަ ދުވަސްތަކެއް ވަންދެން ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށެވެ.