މި އަހަރުގެ ޖުލައި މަހުގައި، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާ އިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 3.41 ބިލިއަން ރުފިޔާ ކަން އެ އޮތޯރިޓީން ހާމަކޮށްފި އެވެ.

މީރާ އިން އާންމުކޮށްފައިވާ ޖުލައި މަހުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 0.2 އިންސައްތަ އިތުރު އަދަދެކެވެ. އަދި މި އަދަދަކީ ޖުލައި ގައި ލިބޭނެކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށް ވުރެ 3.6 އިންސައްތަ ދަށް އަދަދެއް ކަންވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޖުލައި 2025 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ޖުލައި 2026 ގައި ލިބިފައިވާ އާމްދަނީ 0.2 އިންސައްތަ އިތުރުވި މައިގަނޑު ސަބަބުތަކަކީ، ބޭންކް އިންކަމް ޓެކްސް، ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ، އަދި ޖީ.ޖީ.އެސް.ޓީގެ އިތުރުން ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ.

މީގެ އިތުރުން، ބޭންކް އިންކަމް ޓެކުހުގެ އާމްދަނީ އިތުރުވެފައިވަނީ، ސުންގަޑީގެ ކުރިން އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ފައިސާ ދައްކައިފައިވުމާއި، އިންކަމް ޓެކްސް ލައިބިލިޓީ 2026 ގެ ފުރަތަމަ އިންޓަރިމް ޕޭމަންޓް ކުރީ އަހަރަށް ވުރެ އިތުރު ވެފައިވާތީ ކަމަށް ތަފާސްހިސާބުތަކުންދައްކާ އިރު، ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ އާމްދަނީ ޖުލައި 2025 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ޖުލައި 2026 ގައި އިތުރުވެފައިވުމަކީވެސް މި މުއްދަތުގެ އާމްދަނީ އިތުރުވި އެއް ސަބަބެއް ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން، ޖުލައި 2026 ގައި އާންމުދާއިރާގެ ޖީ.އެސް.ޓީ ލިބުނު މިންވަރު އިތުރުވެފައިވަނީ، ޖުލައި މަހުގެ ކުއާޓަލީ ޖީ.އެސް.ޓީ ސުންގަޑިއަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުން ފައިސާދައްކާ ނިންމާފައިވާތީއެވެ.

ހަމަމިއާއެކު، ޖުލައި 2026 އަށް އަންދާޒާ ކޮށްފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބުތަކަކީ، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހާއި، ނަން-ރެޒިޑެންޓް ވިތުހޯލްޑިން ޓެކުހުގެ އިތުރުން ބޭންކް އިންކަމް ޓެކްސް ދަށްވުމުން ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

މީގެ އިތުރުން އިންކަމް ޓެކުހުގެ އާމްދަނީ ދަށްވެފައިވަނީ، އިންކަމް ޓެކްސް ނެގުމުގެ މުއްދަތު ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން 02 އޮގަސްޓް 2026 އަށް މުއްދަތު އިތުރު ކޮށްފައިވާތީ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން، ބޭންކް އިންކަމް ޓެކުހުގެ އާމްދަނީ ދަށްވެފައިވަނީ، ޖުލައި މަހުގެ ސުންގަޑީގެ ކުރިން އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ފައިސާ ދައްކަންޖެހޭ ފަރާތްތަކުން ސުންގަޑިއަށް ފައިސާދައްކާ ނިންމާފައިވާތީއެވެ. މީގެ އިތުރުން، 2025 ވަނަ އަހަރުގެ ޖުލައި މަހާއި އަޅާބަލާއިރު 2026 ވަނަ އަހަރުގެ ޖުލައި މަހުގައި ޒިޔާރަތްކުރި ފަތުރުވެރިންގެ މިންވަރު ވަނީ 3.1 އިންސައްތަ ދަށްވެފައެވެ.

މީރާ އިން ބުނީ، ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، ޖުލައި 2026 ގައި ވަނީ ޖުމްލަ 449 މިލިއަން ރުފިޔާ ހޯދައިފައިވާ ކަމަށެވެ. އޭގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 248 މިލިއަން ރުފިޔާ، ޑިއުސް ކްލިއަރެންސްގެ ތެރެއިން 92 މިލިއަން ރުފިޔާ، އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 78 މިލިއަން ރުފިޔާ ހޯދައިފައިވާ ކަން މީރާއިން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން، މީރަ އިން ބުނީ ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 30 މިލިއަން ރުފިޔާ ހޯދައިފައިވާ ކަމަށެވެ. ޖުލައި 2026 ގައި ލިބިފައިވާ އާމްދަނީގެ 18.4 އިންސައްތަ އަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާ ކަމަށާއި އަދި އާމްދަނީގެ 11 އިންސައްތަ ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ކަމަށް މީރާ އިން ބުނެ އެވެ.

މީރާ އިން ބުނީ، ޖުލައި 2026 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހުން ކަމަށެވެ. އެއީ 48.6 އިންސައްތަ ނުވަތަ 1.66 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީންނެވެ. އެއީ 30.4 އިންސައްތަ ނުވަތަ 1.05 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކުހުގެ ގޮތުގައި 142 މިލިއަން ރުފިޔާ (4.2 އިންސައްތަ)، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި136 މިލިއަން ރުފިޔާ (4.0 އިންސައްތަ)، ޑިޕާޗާ ޓެކުހުގެ ގޮތުގައި 134 މިލިއަން ރުފިޔާ (3.9 އިންސައްތަ)، އަދި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި 81 މިލިއަން ރުފިޔާ (2.4 އިންސައްތަ) ވަނީ ލިބިފައިވެއެވެ.

މީރާއިން އިތުރަށް ބުނީ ޖުލައި 2026 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 108.36 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށެވެ.