ޑޮލަރުގެ އަގު އުފުލިގެންދާ ކަމަށް ވާނަމަ ތަކެތީގެ އަގުވެސް އުފުލިގެންދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައި މިވަނީ އާންމުންގެ ދިރިއުޅުމުގެ ހާލަތު ދަތިވަމުންދާތީ އެކަމާ ދެކޮޅަށް މާދަމާ އެމްޑީޕީން "ދަތިވެއްޖެ" ނަމުގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ނިންމައި، މަޖީދީމަގުގައި އެ މުޒާހަރާ ބާއްވަން އެޕާޓީން އެދިފައި ވަނިކޮށް، މުޒާހަރާ މަޖީދީ މަގުގައި ނުބޭއްވޭނެ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެމްޑީޕީން ތަކެތީގެ އަގު ކޮންމެ ހަފްތާއަކުވެސް ބަލަމުން އަންނަ ކަމަށާއި، ތަކެތީގެ އަގުތައް އުފުލިގެންދާ މިންވަރު ވެސް އެ ޕާޓީން ދެނެގަންނަމުންދާ ކަމަށެވެ.
އެގޮތުން ނަޝީދު ވިދާޅުވީ 5 އޮގަސްޓާއި 11 އޮގަސްޓާއި ދެމެދުގައި ވަރަށް ގިނަ މުދަލުގެ އަގު އުފުލިފައި އެބަހުރި ކަމަށެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގައި ޑޮލަރު ވަރަށް މަދު ކަމަށާއި، އެކަމާ ގުޅޭގޮތުން ޝައްކެއްވެސްނެތް ކަމަށެވެ. އަދި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާރު 22 ރުފިޔާއާ އަރާހަމަވާން ކައިރިވެފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ދަރަނި އަނބުރާ ދެއްކުން ނުވަތަ ދަރަނި ރީސްޓްރަކްޗަރ ކުރުމުގެ އެއްވެސް މަސަައްކަތެއް ނުކުރެވި އޮތުމަކީ، ޑޮލަރުގެ އަގު މައްޗަށްދާ އަނެއް ސަބަބު ކަމަށެވެ. އަދި ރާއްޖެ އަށް ޑޮލަރުގެ ބޮންޑެއް ނުވަތަ ލޯނެއް ހޯދައިި، އިޤްތިސާދަށް ރަނގަޅު އަދަދަކަށް ޑޮލަރު ނުގެނެވުމަކީ ވެސް ޑޮލަރުގެ އަގު މައްޗަށްދާ ސަބަބެއް ކަމުގައި ނަޝީދު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 20 އިންސައްތަ ބޭންކުތަކަށް މާރުކުރުމަށް މަޖުބޫރު ކުރަން ނިންމަން އުޅޭ ނިންމުމަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ، އަމިއްލަ ވިޔަފާރިއަށް ސަރުކާރުން ވަދެ އެކަންކަމާ ބެހި، އިތުރު ޤާނޫނުތައް ގެންނަކަމަށް ވާނަމަ ވިޔަފާރިވެރިން ފަހަތަށް ޖެހޭނެ ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖެއަށް އަންނަ އިންވެސްޓްމަންޓްތައް މަޑު ޖެހޭނެ ކަމަށާއި، ރާއްޖޭގައި މިހާރު އިންވެސްޓްކޮށްގެން ތިބި ފަރާތްތަކުގެ ކަންބޮޑުވުން އިތުރު ވާނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ ޑޮލަރުގެ ތާށިކަން ބޮޑުވެފައިވާއިރު، މިފަދަ ވަގުތެއްގައި އަތު ޖެހުނު ތަނަކުން ޑޮލަރު ހޯދަން އުޅުމަކީ ރަނގަޅު ކަމަކަށް ނުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.