ރާއްޖޭގެ އެންމެ ވަރުގަދަ އެއް ބާރަކީ ޒުވާނުން ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޒުވާނުންގެ އުފެއްދުންތެރިކަމާއި، ހިތްވަރާއި އަޒުމުގެ ސަބަބުން މުޖުތަމައާއި ޤައުމު އެތައް ގޮތަކުން ބައްޓަން ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ އާބާދީގެ 45 އިންސައްތައަކީ ޒުވާނުންކަން ފާހަގަކޮށް ރައީސް ވިދާޅުވީ އެމީހުންގެ އުއްމީދުތަކަކީ މުސްތަޤްބަލުގެ މައިގަނޑު އަސާސްތައް ކަމަށެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ، ޒުވާނުންނަށް މަތީ ތަޢްލީމާއި، ހުނަރު ތަރައްޤީކުރުމާއި، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމެވެ. މީގެ އިތުރުން، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި، ނޭޝަނަލް ސަރވިސް ޕްރޮގްރާމް ފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ތަޢުލީމީ ދާއިރާއިން ވަޒީފާގެ މަގު ފަހިވެގެން ދާނެ ކަމަށް ރައީށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޒުވާނުންގެ އަތްމަތީ ރާއްޖޭގެ މިހާރުގެ ޙާލަތާއި، މުސްތަޤްބަލަކީ، ދެމެހެއްޓެނިވި ތަރައްޤީގެ މައްޗަށް ބިނާވެފައިވާ ޤައުމަކަށް ވެގެންދާނެ ކަމުގެ ޔަޤީން ކުރައްވާ ކަމުގައިވެއެވެ.