ފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާ ކޮރަޕްޝަންތައް ހާމަވާ ރިޕޯޓްގައި ހުރި ވާހަކަތަކާ މެދު ހިތާމަކޮށް "ރޮވޭ ވަރުން" އެ ރިޕޯޓް ނުވެސް ކިޔޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ފެނަކައިގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ހުރީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އެ ކޯޕަރޭޝަނުން މުދަލާއި ހިދުމަތް ހޯދުމުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކެވެ.
ފެނަކަ ކޯޕަރޭޝަނުން މުދަލާއި ހިދުމަތް ހޯދާފައިވާ ގޮތާއި ކުންފުނީގެ މާލީ ހާލަތު ބެލުމަށްފަހު އޮޑިޓާ ޖެނެރަލް އެކުލަވާލާފައިވާ ރިޕޯޓް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓާ ގުޅިގެން މަޖިލީހުގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ އެ ރިޕޯޓް ކިޔަން ފަށާއިރަށް ލޮލުން ފެން އަންނަން ފަށާ ކަމަށާއި ރޮވޭވަރުން އެ ރިޕޯޓް ދިގުކޮށް ވިދާޅުވާން ހުންނެވޭނެ ހެން ހީނުވާ ކަމަށެވެ.
ެެއެ ރިޕޯޓް ކިޔަން ފަށާ އިރަށް ލޮލުން އަންނަނީ ކަރުނަ ކަމަށާއި އެއީ ސީދާ ވައްކަން ކޮށްދީފައި ހުރުމުން ކަމަށް ފަލާހު ވިދާޅުވިއެވެ.
އަދި ކަންކަން އެގޮތަށް ހުރިއިރު, އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރަށް ގޮންޖައްސަވައި ބަހުސަކަށް ވަޑައިގަންނަވަން ގޮވާލައްވާފައިވާ ކަމަށްވެސް ފަލާހު ވަނީ ވިދާޅުވެފައެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި މަޖިލީހުގެ ރައީސަކަށް އިންނަވައިގެންނާއި މަޖިލީހުގެ ރައީސްކަމުން ވަކިވި ފަހުން ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމީރަށް ފާޑު ވިދާޅުވި ކަމަށެވެ.
އެގޮތުން އަމީރު މަޖިލީހަށް ދައުލަތުގެ ބަޖެޓް ހުށަހެޅުއްވުމުން ކޮންމެ ފަހަރަކު ވެސް، އެ ފޮނުވަނީ ވައްކަމުގެ ރަސީދެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިކަމަށް ފަލާހު ވަނީ ފާހަގަކުރައްވާފައެވެ.
ނަމަވެސް ރައީސް ނަޝީދު މިހާރު އަމީރު އަރިސް ބޭފުޅަކަށް ހައްދަވައިގެން އުޅުއްވާތީ ެެއެކަމާ ދެރަވާ ކަމަށާއި އަމީރަކީ ވަރަށް މޮޅު އިކޮނޮމިސްޓަކަށް ހަދައިގެން ނަޝީދު އުޅުއްވާއިރު އަމީރު ކޮށްފައި ހުރި ކަންތައްތައް ރިޕޯޓުން ފެންނަން އެބަހުރި ކަމަށެވެ.
މީގެ އިތުރުން މިއީ ފެނަކަ ކޯޕަރޭޝަން އޭރު ހިންގުމާ ހަވާލުވެ ހުންނެވި މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު އެކަނި "މަރާލާ" ކަހަލަ އެތިފަހެއް ނޫން ކަމަށާއި އެކަމުގައި ބައިވެރިވާ އެތައް ބަޔަކު އެބަތިބި ކަމަށެވެ.
ހަމައެހެންމެ އެއީ ހިތާމަކުރަން ޖެހޭ، ލަދުގަންނަން ޖެހޭ، ދެރަވާން ޖެހޭ ކަންކަން ކަމުގައި ފަލާހު ވަނީ ވިދާޅުވެފައެވެ.