ޑޮލަރުގެ އަގު އުފުލި، ރާއްޖޭގައި ތަކެތީގެ އަގު އިންތިހާއަށް އުފުލިގެން ނުދަނީސް ސަރުކާރުން އެމްޑީޕީއާ މަޝްވަރާކުރަންޖެހޭ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު މިހެން ވިދާޅުފައި މިވަނީ، އިޤްތިޞާދުގެ ދެ ފަރާތުގެ ނަމުގައި ގެނެސްދިން ފޯރަމެއްގައި ޑޮލަރުގެ އަގު އުފުލެމުންދަނީ ރާއްޖޭގެ ދެ ނޫހަކުން ޖަހާ ސުރުހީތަކުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

އެ ފޯރަމްގައި ވާހަކަ ދައްކަވަމުން ޑޮލަރުގެ އަގު މައްޗަށް ދިޔުމާ ގުޅޭގޮތުން ސައީދު ވިދާޅުވީ، ބައެއް ނޫސްތަކުން ޑޮލަރުގެ އަގު މައްޗަށް ދާ ކަމަށް ބުނެ ސުރުހީ ޖަހަނީ ރައްޔިތުންގެ މެދުގައި ނުބައި މަންޒަރެއް ދައްކަން ކަމަށެވެ.

މީގެ އިތުރުން، އެ ފޯރަމްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިމާދު ވިދާޅުވީ ޑޮލަރުގެ އަގު އުފުލޭ ގޮތަށް ހަބަރުތައް ގެނައުމަކީ މުޅި އިގްތިޞާދަށް އެކަމުގެ އަސަރުކުރާނެ ކަމެއް ކަމަށެވެ.

އެގޮތުން އެ ވާހަކަތަކަށް އިޝާރަތްކުރައްވާ ރައީސް ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑޮލަރުގެ އަގު މައްޗަށް ދަނީ މީހުން ޑޮލަރުގެ ވާހަކަ ދައްކާތީ އެކަމުގެ ސަބަބުން ކަމަށް ސަރުކާރުން ބުނެ ހަގީގަތް އޮޅުވާލުމަކީ މި ވަގުތު ދިވެހި އިގްތިޞާދަށް ދެވޭނެ އެންމެ ބޮޑު ދެރަ ކަމަށާއި ޑޮލަރުގެ އަގު މައްޗަށް ދަނީ ޑޮލަރު ނެތުމުން ކަމަށެވެ.

އަދި އެމްއެމްއޭއާއި ފިނޭންސް މިނިސްޓްރީން ގަވައިދުން ޝާއިއުކުރަންޖެހޭ ރިޕޯޓުތައް އާންމުނުކޮށް ހަގީގަތް އޮޅުވާލަމުން ސަރުކާރަށް ގެންދެވޭނީ ވެސް ވަކި ވަރަކަށް ކަމަށާއި، ރާއްޖޭގައި ޑޮލަރު ހުރި މިންވަރާއި ޑޮލަރަށް އޮތް ޑިމާންޑް އެމްއެމްއޭއަށް އެނގޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރުފިޔާ ހުރި މިންވަރާއި ރުފިޔާ ފަހައި ޑޮލަރު ދުވާ މިންވަރު އެއީ އަސްލު އެކްސްޗޭންޖު ރޭޓު ކަމަށް ވެސް އެމްއެމްއޭއަށް އެނގޭނެ ކަމަށެވެ.

ޑޮލަރުގެ އަގު 23 ރުފިޔާއަށް އަރައި، އިގްތިޞާދީގޮތުން ނުރައްކާތެރި ހާލަތަކާ ކުރިމަތިވެފައިވާއިރު، ބިދޭސީންނާއި ދިވެހިންގެ ވަޒީފާ ނެތް މީހުންގެ ނިސްބަތް ވަނީ އާދަޔާޚިލާފު މައްޗަށް ގޮސްފައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި ޑޮލަރުގެ އަގު 23 ރުފިޔާ އިން މައްޗަށް ގޮސް، ރާއްޖޭގައި ހައިޕާ އިންފްލޭޝަން އުފެދި، ތަކެތީގެ އަގު އިންތިހާއަށް އުފުލިގެން ނުދަނީސް ސަރުކާރުން އެމްޑީޕީއާ މަޝްވަރާކުރުން ބޭނުންތެރި ކަމަށާއި ނަމަވެސް ސަރުކާރުން ކިބުރުވެރިކަން އިސްކޮށްފިނަމަ ގެއްލުންވާނީ ރާއްޖެއަށް އަދި ދިވެހީންނަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ެމީގެ އިތުރުން ސަރުކާރުން ދަނީ އެމީހުންގެ ސަލާމަތް ހޯދުމަށްޓަކައި އެކަމުގައި ކަނޑައެޅިގެން ދޮގު ހަދަމުން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި ޑޮލަރުގެ ރަސްމީ ރޭޓަކީ 15.42 ރުފިޔާ ނަމަވެސް، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ 22 ރުފިޔާ އިން މައްޗަށް އުފުލިފައެވެ.