ފާއިތުވި ހަފްތާގައި ހިމަބިހީގެ 17 ކޭސް މާލެ ސަރަހައްދުން ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އޭގެކުރީ ހަފްތާގައި ހިމަބިހި ޖެހިގެން ރިޕޯޓްކޮށްފައިވަނީ 13 މީހުންނަށެވެ. އެޗްޕީއޭއިން ބުނީ މިއާއެކު އަހަރުގެ މިހާތަނަށް ހިމަބިހީގެ 216 ކޭސް ފެނިފައިވާކަމަށެވެ.

ހިމަބިހީގެ ކޭސްތައް ފެންނަން ފެށުމުން އެޗްޕީއޭއިން ވަނީ ވެކްސިނޭޝަން ޕްރޮގްރާމެއް ފަށާފައެވެ. އެޗްޕީއޭއިން ބުނީ މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން 14،701 މީހަކަށް ވެކްސިން ދީފައިވާކަމަށެވެ.

މީގެއިތުރުންވެސް އެޗްޕީއޭއިން ވަނީ ހިމަބިހި ފެތުރުން ހުއްޓުވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެދިފައެވެ.

މިގޮތުން ބައްޔަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ، ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމާއި، ހުން އައިސް ގައިގައި ރަތް ބިހި ނެގުން ނުވަތަ ރޯގާގެ އަލާމާތްތައް ފެންނަނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި ހުން އައުމާއެކު ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

މީގެ އިތުރުން މިފަދަ އަލާމާތްތައް ފެނިގެން ހޮސްޕިޓަލަށް އަންނައިރު، އެހެން މީހުންނަށް ބަލި ފެތުރުނަ ނުދިނުމަށްޓަކައި މާސްކު އެޅުމަށްވެސް އެޗްޕީއޭއިން އެދިފައިވެ އެވެ.

ރާއްޖެއިން ހިމަބިހި ނައްތާލީ 2017 ވަނަ އަހަރު އެވެ. އެކަމަކު އޭގެ ފަހުން ދޭތެރެ ދޭތެރެއިން އެ ބަލީގެ ކޭސްތައް ދަނީ ފެންނަމުންނެވެ.