ދައުލަތަށް ކުއްޖަކު ނެގުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ނެގޭނޭ އެންމެ ފަހުގެ ފިޔަވަޅު ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ އިން ބުނެފި އެވެ.
މީޑިއާ އަދި މީސް މީޑިއާގެ އެކިއެކި މަންސަތަކުގައި ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނެގުނު ގޮތާއި މެދު ދައުރުވަމުންދާ ހަބަރާއި ގުޅިގެން އެ ވުޒާރާއިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގުމުގައި އަމަލުކުރާނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ގައި ބަޔާންކުރާ ފަދައިން ކަމަށެވެ.
އެ ވުޒާރާއިން ބުނީ، ކުއްޖާއަށް ބޭނުންވާ ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއްކަމަށް ވީހިނދު، ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) ގައި އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދިންނާއި ޅަފުރައިގެ ކުދީންނަށް ލިބިފައިވާ ހައްގެއް ކަމަށެވެ.
މީގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކުޑަކުއްޖަކާގުޅޭ ކަންކަން ނިންމުމުގައި އެންމެ އިސްކަން ދޭންވާނީ، އެކުއްޖާގެ މަސްލަހަތު ހިމާޔަތްކުރުމަށް ކަން ފާހަގަކޮށް އެ ވުޒާރާއިން ބުނީ، ކުއްޖެއްގެ ރައްކާތެރިކަން ކަށަވަރުނުވާ ހާލަތުގައި ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމުގެ ކުރިން، ކުއްޖާގެ މައިންބަފައިންގެ ގާތުގައި ކުއްޖާ ބަހައްޓައިގެން ކުއްޖާގެ ހައްގުތައް ހިމާޔަތްކުރުމަށް ދައުލަތުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ.
ހަމަމިއާއެކު، މައިންބަފައިންގެ ގާތުގައި ކުދިން ނުބެހެއްޓޭ ހާލަތުގައި ކުއްޖާގެ އާއިލާގެ ތެރެއިން ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދެވޭނޭ ފަރާތެއް ހުރިކަމުގައިވާނަމަ، ކުއްޖާ އެފަރާތެއްގެ ގާތުގައި ބެހެއްޓުމަކީ ދައުލަތުން ކުއްޖާގެ މަސްލަހަތަށް އިސްކުރާނޭ ކަމެއް ކަމަށާއި، މިއިން އެއްވެސް ހާލަތެއްގައި ކުއްޖާގެ މައިންބަފައިން އަދި ކުއްޖާގެ އާއިލާގެ އެއްވެސް ފަރާތަކުން ކުއްޖާއަށް ރައްކާތެރިކަން ކަށަވަރުނުކުރެވޭ ހާލަތުގައި މެނުވީ ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނުގެނެވޭނޭކަންވެސް އެ ވުޒާރައިން ވަނީ ފާހަގަކޮށްފަ އެވެ.
އެ ވުޒާރާއިން ބުނީ، ކުޑަކުދިންނާއި ގުޅިގެން ހުށަހެޅޭ ކޮންމެ މައްސަލައެއްގައި ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭނީ ކުއްޖެއްގެ އާއިލާގެ ތެރެއިން ކުއްޖާއަށް ލިބެންވާ ރައްކާތެރިކަން ކަށަވަރުނުކުރެވޭ ހާލަތުގައިކަމާއި، އަދި ކުއްޖެއް ވަށައިންގެންވާ އެންމެ ހާލަތްތައް ދެނެގަނެ، އެކަންކަމަށް ރިއާޔަތްކޮށްގެން ނޫން ގޮތަކަށް ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނުނެގޭނޭ ކަމަށެވެ.
އެހެންކަމުން، ދައުލަތަށް ކުއްޖަކު ނެގުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ނެގޭނޭ އެންމެ ފަހުގެ ފިޔަވަޅުކަމަށް އެ ވުޒާރާއިން ބުނެފައިވާ އިރު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާފަދައިން ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތް ކަމުގައިވާ ހާލަތުގައި މެނުވީ، ކުއްޖެއްގެ މައިންބަފައިންގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީވެސް އެކުއްޖެއްގެ މައިންބަފައިންނާ އެކުއްޖާ ވަކިކުރުމަށް ސައްހަ ސަބަބެއް ނޫންކަން އެ ވުޒާރާއިން ވަނީ ފަހަގަކޮށްފަ އެވެ.
މިގޮތުން، އެއްވެސް ކުއްޖެއްގެ ރައްކާތެރިކަން ކަށަވަރުނުވާ ހާލަތުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުއްޖަކަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ވަގުތުން ފިޔަވަޅު އެޅިދާނެ ކަމަށް އެ ވުޒާރާއިން ބުނެ އެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 88 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކުރާ ފަދައިން ކުއްޖާ ހުރި މާހައުލުން ވަކިކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމާއި، މި މާއްދާގެ 2 ވަނަ ނަންބަރުގައި ބަޔާންކުރާ ފަދައިން ކުއްޖާ ބެލެހެއްޓުން ވަގުތީ ގޮތުން އެހެން ފަރާތަކާއި ހަވާލުކުރުވޭނެ ކަންވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފަ އެވެ.
އެ ވުޒާރާއިން ވަނީ، ކުޑަކުދިންނާއި ނާޒުކުހާލަތުގައި ދިރިއުޅެމުންދާ ފަރާތްތަކާއި ގުޅިގެން މީޑިއާ އަދި މީސް މީޑިއާގައި ދައުރުވަމުންދާ ހަބަރުތަކުގައި ސައްހަނޫން ހަބަރުތައް ދައުރުކުރުމަކީ އެވުޒާރާއިން ކަންބޮޑުވާކަމެއް ކަމުގައި ފާހަގަކޮށް، ކުޑަކުދިން އަދި ނާޒުކުހާލަތުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ ހަބަރުތައް ގެނެވޭ ގޮތްތަކުން، އެފަރާތްތައް އިތުރު ނާޒުކުހާލަތަށް ހުށަހެޅުމުގެ އިހްތިމާލު އޮތް ކަމެއްކަމުގައިވާތީ، އެފަދަ ހަބަރުތައް ދައުރުކުރުމުގައި މީޑިއާ އަދި މީސް މީޑިއާތަކުން ސަމާލުކަށް ދިނުމަށާއި އެފަދަ ހަބަރުތައް ދައުރުކުރުމުގައި ސައްހަ ނޫން މައުލޫމާތު ދައުރު ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.