ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލެމުންދާތީ، ޖަވާބުދާރީކުރުވުމަށް އެމްއެމްއޭގެ ގަވަރުނަރު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް އެދި އިދިކޮޅު އެމްޑީޕީން މިއަދު މަޖިލީހަށް ސިޓީއެއް ފޮނުވައިފިއެވެ.
އެ ސިޓީގައި ވަނީ 2024 ޖުލައި މަހު މާކެޓް ރޭޓުން 1 ޑޮލަރު ލިބެން ހުރީ ގާތްގަނޑަކަށް 17 ރުފިޔާ 40 ލާރިއަށް ކަމަށް ބުނެފައެވެ. އަދި މިއަދު ޑޮލަރުގެ އަގަކީ 22 ރުފިޔާ 10 ލާރިކަން އެމްޑީޕީއިން ވަނީ ފާހަގަކޮށްފައެވެ. ގާތްގަނޑަކަށް 2 އަހަރާއި ބައިގެ ތެރޭގައި ޑޮލަރުގެ އަގު 27 އިންސައްތަ އިތުވެފައިވާކަން އެ ޕާޓީއިން ފާހަގަކޮށް ވަނީ އެހެންނަމަވެސް އަދިވެސް ރަސްމީކޮށް ކަނޑައެޅިފައިާ އެކްސްޗޭންޖް ރޭޓަކީ 15 ރުފިޔާ 42 ލާރީގައި ހުރި ކަމަށެވެ.
ޑޮލަރުގެ އަގު ބޮޑުވުމަކީ ހަމައެކަނި ބޭންކުތަކާ ފައިސާ މާރުކުރާ ފަރާތްތަކަށް އެކަނި ކުރިމަތިވާ މައްސަލައެއް ނޫން ކަމަށާއި މިއީ ދިރިއުޅުމުގެ އަގާ ގުޅިފައިވާ، ކޮންމެ ގޭބިސީއަކާ ގުޅިފައިވާ ބޮޑު މައްސަލައެއް ކަމަށް އެމްޑީޕީއިން ބުނެފައިވެއެވެ. ރާއްޖެއަކީ ބޭނުންކުރާ ހުރހާ އެއްޗެއްހެން އިމްޕޯޓްކުރާ ގައުމެއްކަން ފާހަގަކޮށް ސިޓީގަި ވަނީ ވިޔަފާރީތަކަށް ހަމަ އަގުގައި ޑޮލަރު ނުލިބުމުން ދެކޮޅު ޖެއްސުމަށްޓަކައި ތަކެތީގެ އަގަށް ބަދަލު ގެންނަން މަޖުބޫރުވާ ކަމަށެވެ.
އެމްޑީޕީގެ ސިޓީގައި އިތުރަށް ބުނެފައިވަނީ، ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަކީ އެމްއެމްއޭގެ ގާނޫނީ މަސްއޫލިއްޔަތެއް ކަމަށާއި، މިކަމުގައި ގަވަރުނަރު ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. އަދި މި ޙާލަތަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ދިމާވާ ކަމެއް ނަމަ، އެކަންވެސް ސާފުވާންޖެހޭނެ ކަމަށް އެމްޑީޕީން ބުނެއެވެ.
މި މައްސަލައިގައި މާލިއްޔަތު ކޮމިޓީން އިސްނަގައި، ވީއެންމެ އަވަހަށް ގަވަރުނަރާއި ކަމާބެހޭ އިސްވެރިން ހާޒިރުކޮށް، ރައްޔިތުންނަށް ސާފު ޖަވާބެއް ހޯދައިދިނުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.
މި މައްސަލައަކީ ކުއްލިއަކަށް ދިމާވި މައްސަލައެއް ނޫންކަމަށް ވިދާޅުވެ އެ ޕާޓީއިން ވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމާ ދިވެހި ރައްޔިތުންނަށް މިކަމުގެ ސަބަބުން އުފުލަންޖެހޭ ތަކްލީފަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ސިއްރުވެފައިވާނެ ކަމެއް ނޫން ކަން ފާހަގަކުރައްވާފައެވެ.