މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސެންޓަރުތަކުން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައި، މިފްކޯ އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާ ދެމެދު މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިފްކޯއަށް މަސްކިރާ ދޯނިފަހަރަށް ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެފްއެސްއެމް އާއި މިފްކޯއާ ދެމެދު ގާއިމުކުރި އެއްބަސްވުމުގައި ސޮއިކުރީ މިއަދު މެންދުރުފަހު މިފްކޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިފްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އަނަސް އެވެ. އަދި އެފްއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ފާޠިމަތު އާޝާން އެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ބޯޑު މެންބަރުންވެސް ބައިވެރިވެވަޑައިގަތެވެ.

މިފްކޯ އިން ބުނީ މި އެއްބަސްވުމުގެ ދަށުން، އެފްއެސްއެމްގެ ފިއުލް ޝެޑްތައް ގާއިމުކޮށްފައިވާ މިފްކޯގެ ސެންޓަރުތަކުން، މިފްކޯއަށް މަސްކިރުވާ ދޯނިފަހަރަށް ކްރެޑިޓަށް ތެޔޮ ލިބޭނެ ކަމަށެވެ.

މިގޮތުން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން މިއަދުން ފެށިގެން ކްރެޑިޓަށް ތެޔޮ ދޫކުރާގޮތަށް ހަމަޖައްސާފައިވާ ކަމަށް މިފްކޯ އިން ބުނެފައި ވެއެވެ.

މިފްކޯ އާއި އެފްއެސްއެމްއާ ދެމެދު ގާއިމުކުރެވުނު މި އެއްބަސްވުމުގެ ދަށުން، މިފްކޯއަށް މަސްކިރުވުމަށްފަހު ލިބޭ ބިލު ހިފައިގެން ގޮސް ދޯނިފަހަރަށް ތެޔޮ އެޅޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

މި އިންތިޒާމުގެ ދަށުން ދޯނިފަހަރަށް އަޅާ ތެލުގެ ބިލަށް ފައިސާ ކަނޑާނީ އެ ދޯންޏަކުން މިފްކޯއަށް ކިރުވި މަހަށްވާ ފައިސާގެ ތެރެއިންނެވެ.

މި އުސޫލުގެ ދަށުން މަސްކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ދޭ ޕޭމަންޓުން ތެލުގެ ފައިސާ އުނިކުރެވޭނެއެވެ.

ކްރެޑިޓަށް ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަކީ މަސްވެރިން ވަރަށް ބޮޑަށް އެދެމުން އައި ކަމެކެވެ. މިއީ، މިފްކޯގެ މިހާރުގެ ސީއީއޯ މުޙައްމަދު އަނަސް މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ކުންފުނީގެ ސެންޓަރުތަކަށް ކުރެއްވި ޒިޔާރަތްތަކުގައި މަސްވެރިންނާ ބައްދަލުކުރެއްވުމުންވެސް މަސްވެރިންގެ ފަރާތުން ހުށަހެޅި ކަންކަމުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަންތަކެވެ.

ސަރުކާރާ ވާހަކަދައްކައިގެން މިކަމަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އޭރު ސީއީއޯ ވަނީ ދެއްވާފައެވެ.

މިފްކޯ އިން ބުނީ މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދުގެ ދަށުން، މިފްކޯ އާއި އެފްއެސްއެމްއާ ދެމެދު ވެވުނު އެއްބަސްވުމެއް ކަމަށެވެ.

އަދި އޭގެ ސަބަބުން، މިފްކޯއަށް މަސްކިރާ ދޯނިފަހަރަށް ކްރެޑިޓަށް ތެޔޮ ދޫކުރެވޭނެ އިންތިޒާމު މިއަދުން ފެށިގެން ހަމަޖެހިފައިވާއިރު، މިއީ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް މިފްކޯ އިން ބުނެއެވެ.

މިގޮތުން މި އާ އިންތިޒާމާއެކު މަސްވެރިންނަށް ތެޔޮ ގަތުމުގައި ހުރި މާލީ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް މިފްކޯ އިން ބުނެއެވެ. އަދި މިއީ މަސްވެރިންނަށް މަހަށް ފުރުމަށް ލިބުނު އިތުރު ހިތްވަރަކަށްވެސް ވެގެންދާނެ ކަމަށް މިފްކޯ އިން ބުނެއެވެ.