ރާއްޖޭގައި ކުރާ ހުއިފިލަނޑާ މަސްވެރިކަމުގައި ނަގާ ބާވަތެއް ކަމަށްވާ ކައްޗަލަ ރާއްޖޭން ބޭރުކުރެވޭނެ މިންވަރެއް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް، އެމް.އެމް.އާރު.އައި ކަނޑައަޅައިފި އެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ސާކިއުލާއެއްގައި ބުނީ، ރާއްޖޭގައި ކުރާ ހުއިފިލަނޑާ މަސްވެރިކަމުގައި ނަގާ ބާވަތެއް ކަމަށްވާ ކައްޗަލަ އަކި 2022 ވަނަ އަހަރުގެ "ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީސް އޮފް ވައިލްޑް ފޯނާ އެންޑް ފްލޯރާ" (ސައިޓީސް) ބައްދަލުވުމުގައި އޭގެ އާބާދީ ދައްވަމުންދާ ކަމުގެ ހެކިތަކުގެ މައްޗައް ބުރަވެ، އެ މުއާހަދާގެ ޖަދުވަލުގެ 2 ގައި ހިމަނަފައިވާ ބާވަތެއް ކަމަށެވެ.

ސާކިއުލާގައި ވަނީ، ސައިޓީސް މުއާހަދާގެ ޖަދުވަލުގެ 2 ގައި ހިމަނާ ބާވަތްތަށް ބޭރުކުރެވޭނީ އެގައުމުގެ ސައިޓީސް މެނޭޖްމެންޓް އޮތޯރިޓީން ދޭ ހުއްދައަކުންކަން ފާހަގަކޮށް، ލިސްޓު ކޮށްފައިވާ ބާވަތް ބޭރުކުރުމަށް ހުއްދަދެވޭނީ އެގައުމުގެ ސައިޓީސް ސައިންޓިފިކް އޮތޯރިޓީން ތައްޔަރުކުރާ 'ނޮން-ޑެޓްރިމެންޓަލް ފައިންޑިން' (އެން.ޑީ.އެފް) އަކުން އެ ބާވަތުގެ ދިރޭ ތަކެތި، އޭގެ މާހައުލުން ނަގާ ބޭރުކުރާ މިންވަރަކީ އެބާވަތުގެ އާބާދީއަށް ގެއްލުން ނުވާނެ އަދި ދެމެހެއްޓެނިވި ގޮތަކަށް ނެގޭ މިންވަރެއްކަން ކަނޑައެޅުމުންކަމަށް ބުނެފަ އެވެ.

މީގެ އިތުރުން، ހުއިފިލަނޑާގެ މި ބާވަތް ސައިޓީސް މުއާހަދާގެ ޖަދުވަލުގެ 2 ގައި ހިމެނުމާ ގުޅިގެން، ރާއްޖޭގެ ސައިޓީސް ސައިންޓިފިކް އޮތޯރިޓީއެއް ކަމަށްވާ އެމް.އެމް.އާރު.އައި އިން އެ ބާވަތުގެ މަސްވެރިކަމުގެ އެން.ޑީ.އެފް ތައްޔާރުކޮށް، މި ބާވަތުގެ ހުއިފިލަނޑާ ބޭރުކުރެވޭނެ މިންވަރެއް ކަނޑައަޅާފައި ކަމަށް ސާކިއުލާގައި ބުނެފައިވެ އެވެ.

ސާކިއުލާގައި ވަނީ، ވޭތުވެދިޔަ 3 އަހަރުދުވަހު ހުއިފިލަނޑާ ބޭރުކޮށްފައިވާ މީހުންގެ ތެރެއިން އެ ވުޒާރާއިން ދޫކުރާ ހުއިފިލަނޑާ ޕްރޮސެސް ކުރުމުގެ ލައިސަންސް ނަގާފައިވާ ފަރާތްތަލުގެ މެދުގައި މި ކޯޓާ ބަހާލުމުގެ މިންގަޑެއް އެކުލަވައިލުމުގެ މަސައްކަތް އެ ވުޒާރާއިން ކުރަމުންދާކަން ފާހަގަކޮށްފަ އެވެ. އަދި ހުއިފިލަނޑާ ބޭރުކުރުމުގައި ހަރަކާތްތެރިވާ މީހުންގެ ތެރެއިން، މިހާތަަށް ޕްރޮސެސިން ލައިސެންސް ނަގާފައި ނުވާ މީހުން، މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެ ވުޒާރާގެ ކެޔޮޅު ޕޯޓަލް މެދުވެރިކޮށް ލައިސެންސް ނެގުމަށްވެސް އެ ވުޒާރާއިން ވަނީ ހުޅުވާލާފަ އެވެ.