ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު 100،000 ރުފިޔާއިން ޖޫރިމަނާކޮށް، 25 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ހުކުމްކުރީ ފެހިވިލާގެ / ށ. މާއުނގޫދޫ، މުޙައްމަދު ފާރިޤު (28އ) ގެ މައްޗަށެވެ.

މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓުން މި ހުކުމް އިއްވާފައިވަނީ އޮގަސްޓު 10 ވަނަ ދުވަހުއެވެ.

އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުންނެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު 24 ވަނަ ދުވަހުއެވެ. އަދި މި މައްސަލައިގެ ތަހުގީގު ނިންމާ، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ 6 ވަނަ ދުވަހު އެވެ.