ރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، ނޭޝަނަލް ޕޭމަންޓް ސްވިޗެއް ޤާއިމުކުރުމަށް ޤާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފިއެވެ.
ސަރުކާރުގެ ފަރާތުން "ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނު"އަށް އިސްލާހުގެ ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ.
ޝާހިދު ވިދާޅުވީ، ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުމުގެ ބޭނުމަކީ ދިވެހި ރާއްޖޭގެ ފައިނޭޝަލް އިންފްރާސްޓަކްޗާ އިތުރަށް ހަރުދަނާކޮށް ތަރައްގީ ކުރުމުގެ ގޮތުން ނޭޝަނަލް ޕޭމެންޓް ސިވިޗެއް ގާއިމްކޮށް ހިންގުމާއި ގުޅޭ އުސޫލުތައް ގައުމީ ޕޭމެންޓް ސިސްޓަމްގެ ގާނޫނުގައި ބަޔާން ކުރުމަށާއި، ގައުމީ ޕޭމެންޓްގެ ސިސްޓަމްތަކުގެ ގަވާނަންސް އަދި މޮނިޓަރިންގ ހަރުދަނާ ކުރުމަށްޓަކައި ގައުމީ ޕޭމެންޓް ސިސްޓަމްގެ ގާނޫނަށް އިސްލާހުތައް ގެނައުމެވެ.
މި އިސްލާހާއެކު ތަފާތު ބޭންކުތަކާއި ޕޭމެންޓް ހިދުމަތްދޭ ފަރާތްތަކުގައި މެދުގައި ކުރެވޭ މުއާމަލާތްތައް އެއް ވިޔުގައަކުން ގުޅާލެވުމުން އެއް ބޭންކެއްގެ ކާޑު ނުވަތަ ވޮލެޓުން އަނެއް ބޭންކެއްގެ މެނިޝަނަށް ނުވަތަ ކިޔުއާރު ކޯޑަށް ފައްސޭހަކަމާ އެކު ފައިސާ ދެއްކޭނެއެވެ.
އިސްލާހުގައި ބުނެފައިވަނީ މަރުކަޒީ ސުވިޗެއް މެދުވެރިކޮށް މުއާމަލާތްތައް ރޫޓް ކުރުމުން ބޭރުގެ ނެޓްވޯކްތަކަށް ބަރޯސާވާ މިންގަނޑު ކުޑަވެ މުއާމަލާތްތަކުން ނަގާ ފީ ކުޑަވުން މަގުފަހިވެގެން ދާނެ ކަމަށެވެ. ރާއްޖޭގެ އެތެރޭގެ މުއާމަލާތްތަށް ރާއްޖޭޣައި ގާއިމްކުރެވިފައިވާ ސިސްޓަމެއްގެ ތެރެއިން ހިނގުމަކީ ގައުމީ ރައްކާތެރިކަމާއި އިގްތިސާދީ މިނިވަންކަމަށް ލިބޭ ބާރެކެވެ.
މީގެއިތުރުން 20 ވަނަ މާއްދާއަށް ގެނޭ އިސްލާހުގެ ސަބަބުން ޕޭމެންޓް އެކުޔާކުރާ ފަރާތްތަކުން ކަސްޓަމަރުންގެ ފައިސާ ޖެހިގެން އަންނަ މަސައްކަތުގެ ދުވަހު ބޭންކްއަށް ޖަމާކުރަން ޖެހުމާއި، އެއަށްފަހު އެއްދުވަސް ތެރޭ ބެނިފިޝަރީއަށް ފައިސާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ މި އިސްލާހް މުހިންމުވާ އެއް ސަބަބުކަމަށް މެންބަރު ވިދާޅުވިއެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކަށް އެފަރާތްތަކުން ވިއްކާ މުދަލާއި ހިދުމަތުގެ ފައިސާ ލަސްނުވެ ލިބުމަކީ ކޭޝް ފްލޯ މެނޭޖްކުރުމަށް ލިބޭ ވަރަށް ބޮޑު ލުއެއް ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި އިސްލާހުގެ ސަބަބުން ފައިސާގެ މުއާމަލާތްތައް ހިނގާނެ ސުންގަނޑިތަކެއް ގާނޫނުން ކަނޑައެޅުމުން ހިދުމަތް ބޭނުންކުރާ ފަރާތްތަކުގެ އިތުބާރު ނިޒާމަށް ބޮޑު ވާނެ ކަމަށާއި، މި އިސްލާހުގެ ދަށުން އައު ގަވާއިދެއް 30 ދުވަހުގެ ތެރޭގައި އެކުލަވާލަން ލާޒިމް ކުރުމަކީ ގަވާއިދަށް ގެނެވޭ ބަދަލުތަށް އަވަސް މުއްދަތެއްގައި ތަންފީޒުވެ އޭގެ ފައިދާ ރައްޔިތުންނަށް ލިބޭނެ ކަމެއް ކަމުގައި ވެސް ފާހަގަކޮށްފައިވެއެވެ.