ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންގެ ތެރެއިން މިހާތަނަށް 560 އަށްވުރެ ގިނަ މީހުންނާ ގޯތި ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހުޅުމާލެ ފޭސް ތިނަކުން ގޯތި ޙަވާލުކުރުމުގެ ޢަމަލީ މަސައްކަތް ފެށީ މި އަހަރުގެ މާރިޗު 26 ވަނަ ދުވަހުއެވެ. ގޯތި ދޫކުރަނީ ބިމުގެ ވެރިފަރާތުން ރަޖިސްޓަރީ ހެއްދުމަށް ހުށަހަޅައި، ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހުއެވެ.
ފޭސް 3ގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި އިޞްލާޙުތަކާ ގުޅިގެން، 698 ފަރާތަކަށް ކުރިން ކަނޑައެޅި ގޯތީގެ ލޮކޭޝަން ބަދަލުކުރަން ޖެހުނެވެ.
އަދި އަލުން ގޯތި ކަނޑައެޅުމުގެ ގުރުއަތުލުން ކުރިއަށްގެންދިޔައީ ފާއިތުވި އަހަރުގެ ޑިސެމްބަރު 20 ވަނަ ދުވަހު އެވެ.
ހައުސިން މިނިސްޓްރީން ބުނީ އޮގަސްޓް 10ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ތިންވަނަ ފިޔަވަހިން 560 ފަރާތަކަށް ގޯތި ހަވާލުކޮށްފައިވާ ކަމަށެވެ. މިގޮތުން މިއީ ގޯތި ލިބުނު މީހުންގެ ޖުމުލަ އަދަދަށް ބަލާއިރު 80 އިންސައްތަ މީހުންނެވެ.
ފޭސް 3އިން ދޫކޮށްފައިވާ ގޯތިތަކުގެ ބޮޑުމިނާއި ޢަދަދަށް ބަލާއިރު، 1650 އަކަފޫޓުގެ 181 ގޯއްޗާއި، 2050 އަކަފޫޓުގެ 242 ގޯއްޗާއި، 2450 އަކަފޫޓުގެ 132 ގޯއްޗެވެ. މީގެ އިތުރުން 2850 އަކަފޫޓުގެ 62 ގޯއްޗާއި، 3250 އަކަފޫޓުގެ 41 ގޯއްޗާއި، 3650 އަކަފޫޓުގެ 16 ގޯއްޗާއި، 4000 އަކަފޫޓުގެ 24 ގޯއްޗެއް ހިމެނެއެވެ.