އޭޕްރީލް 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ގުދަނެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު މައްސަލައިގެ ތަހުގީގުގައި އިހުމާލުވި ފުލުހުންނަށް ފިޔަވަޅު އަޅާފައިވާ ކަމަށް ދާޚިލީ ވަޒީރު ޢަލީ އިހްސާން މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު އިހްސާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން އެ ތަހުގީގުގައި އިހުމާލުވި ފަރާތްތަކާމެދު މިހާރު ފިޔަވަޅު އަޅާފައިވޭތޯއާއި އަޅާފައި ވަނީ ކޮން ފިޔަވަޅެއްތޯ މެންބަރު ހުސައިން ޒިޔާދު ވަނީ ސުވާލުކުރައްވާފައެވެ.

އެގޮތުން އެ މައްސަލާގައި ފުލުހުންނާމެދު އެޅި ފިޔަވަޅާ ބެހޭ ގޮތުން ހުސައިން ޒިޔާދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު އިހްސާން ވިދާޅުވީ، އެ ފުލުހުންނާމެދު މިހާރު ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ވަޒީރު އިހުސާން ވިދާޅުވީ ހީވެފައި އޮންނަނީ، ފިޔަވަޅު އެޅުމުގެ ކޮންމެ ހާލަތަކީ މީހަކު ވަޒީފާއިން ވަކިކޮށް ނުވަތަ ސަސްޕެންޑް ކުރާ ޙާލަތު ކަމަށެވެ.

ނަމަވެސް ޔުނިފޯމް މުވައްސަސާތަކުގައި ފިޔަވަޅުއެޅުމަށް ވަރަށް ގިނަ މިންގަނޑުތައް ހުންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ޔުނިފޯމް މުވައްސަސާތަކުގައި ފިޔަވަޅުއެޅުމަށް ހުރޭ ވަރަށް ގިނަމިންގަނޑުތައް. އޭގެ ތެރެއިން އެއް މިންގަނޑަކީ އެފަރާތްތައް ގެނެސް ރީ ޓްރެއިން ކުރުން. އެ ފަރާތް މިހާރު ހުރި ޔުނިޓުން ބަދަލުވެސް ކުރުން. މިކަހަލަ ބައިވަރު ކަންކަން ހުރޭ. އަދި އަޅުގަޑުމެން އެ ޕްރޮސީޖަރަލީ ރަނގަޅުކުރަންޖެހޭ ކަންކަންވެސް ހުރޭ.އެހެންވީމާ ދެންނެވި ހާދިސާގެ، އެ އަޅަންޖެހޭ ފިޔަވަޅުތައް މިހާރު ވަނީ އަޅާ ނިމިފައި."

ވަޒީރު އަލީ އިހްސާން

މީގެ އިތުރުން އިހުސާން ވިދާޅުވީ ފިޔަވަޅު އަޅާފައި ވަނީ ސްޕެސިފިކަލީ ކޮންބޭފުޅަކާމެދު ކޮން ފިޔަވަޅެއްތޯ ސާފުކޮށްދިނުމަށް ޖެހޭނީ ލިޔުމަކުން އެކަން ހާމަކުރަން ކަމަށެވެ.

ހައްވާ ޔުމްނު ރަޝީދު ހ. މިޓާޒްގޭ ފުރާޅުމައްޗަށް ވެއްޓުނު ހާދިސާއާ ގުޅޭ މައްސަލަ ތަހުގީގު ކުރުމަށް ރައީސް އެކުލަވާލެއްވި ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ބުނެފައި ވަނީ އެ ހާދިސާ ހިނގީ ހ. ފެންޓެނޯއީ ނުވަވަނަ ފަންގިފިލާގެ ސިޑިގޮޅީގައިވާ ކުޑަދޮރުން ނުވަތަ އެ ގޭގެ ޓެރަހުން ޔުމްނު ވައްޓާލުން ނުވަތަ ފުންމާލުން ނުވަތަ ވެއްޓުމުން ކަމަށް އެ ކޮމިޝަނަށް ބުރަވެވޭ ކަމަށެވެ.

އަދި ޔުމްނު ފުރާޅުމަތީގައި ޖެހުމާ ގުޅިގެން ނޫން ގޮތަކަށް އެހެން އަނިޔާއެއް އޭނާއަށް ލިބިފައިނުވާ ކަމަށާއި އެ ހާދިސާ ހިނގި ތަނުގައި ރައުދު އަހްމަދުގެ އިތުރުން އެހެން މީހަކު އެތަނުގައި ހުރިކަން އެނގެން ނެތުމުން އެކަމުގައި ރައުދު ފިޔަވާ އެހެން މީހެއްގެ ބައިވެރިވުމެއް އަމަލީ ގޮތުން އޮވެދާނެ ކަމަށް ކޮމިޝަނަށް ނުފެންނަ ކަމަށް ވެސް ވަނީ ބުނެފައެވެ.