ދިވެހިރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒުކުރުމަކީ މި ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތެއް ކަމަށާއި، އެކަން އަމަލީގޮތުން ކުރައްވާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު އިހްސާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގައި މަރުގެ ހުކުމް އަމަލީގޮތުން ތަންފީޒު ކުރަން ފެށުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
އެހެންކަމުން އެކަމަށް ބޭނުންވާ ޤާނޫނެއް ފަރުމާކޮށްފައި މަޖިލީހަށް ފޮނުވުމުގެ މަސައްކަތް މިވަގުތު ކުރަމުންދާ ކަމަށް ވަޒީރު އިހުސާން ވަނީ ވިދާޅުވެފައެވެ. އަދި ތަންފީޒީ މަރުހަލާގައި ތައްޔާރުވާންޖެހޭ ކަންކަމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެގޮތުން، ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އެފަދަ ކަމެއްގައި ދޫ ދިނުމަކީ ދައުލަތުގެ އެންމެ އިސް ފަރާތަށްވެސް އޮތް އިޚްތިޔާރެއް ނޫންކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އިސްލާމީ އުސޫލުތަކާ އެއްގޮތަށް ހުރިހާ މަރުޙަލާއެއް ފުރިހަމަވުމުން މަރުގެ އަދަބު ތަންފީޒުކުރަންޖެހޭނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުފައެވެ.