ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ވިޔަފާރިކުރި މައްސަލައިގައި، 109 އަހަރަށް ޖަލަށް ލައި، ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ، ހުސައިން ޝިފާއުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރެވެން ނެތް ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.
2023 ވަނަ އަހަރު ސައްހަ ނޫން ޓީޓީތަކެއް ފޮނުވައިގެން 1.9 މިލިއަން ރުފިޔާގެ މުދާ ހޯދި މައްސަލާގައި ހައްޔަރުކުރި ޝިފާއުގެ މައްޗަށް ދައުލަތުން ކުރި 23 ދައުވާ ސާބިތުވެފައިވާ އިރު، ސައްހަ ނޫން ލިޔުމެއް ދިނުމުގެ 9 ދައުވާއަކާއި މަކަރާއި ހީލަތް ހެދުމުގެ 7 ދައުވާއެއްގެ އިތުރުން މަނީ ލޯންޑްރިންގެ 7 ދައުވާއެއް އޭނާގެ މައްޗަށް ސާބިތުވެ، ޖުމްލަ 109 އަހަރުގެ ޖަލު ހުކުމަކާއެކު 7 މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ވަނީ ހުކުމްކޮށްފަ އެވެ.
ޝިފާއު ވަނީ އެ ހުކުމްތައް ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށްފަހު، އިސްތިއުނާފް ނިމެންދެން އޭނާގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ނުވަތަ ކަފާލާތުގެ ދަށުން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކޮށްދޭން އެދިފަ އެވެ.
އެހެން ނަމަވެސް ޝިފާއުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދެވޭނެ ގާނޫނީ ސަބަބެއް ނެތް ކަން ފާހަގަކޮށް، ކަފާލާތުގެ ދަށުން ގޭ ބަންދަށް ބަދަލުކުރަން އެދުނަސް، އެކަމާ ބެހޭގޮތުން ޖިނާއީ އިޖުރައާތުގެ ގާނޫނުގައި ބަޔާންކުރާ ކަންކަން އެކަށީގެންވާ ގޮތެއްގައި ބަޔާންކޮށްދީފައި ނުވާތީ އޭނާ ގޭ ބަންދަށް ވެސް ބަދަލު ކުރެވެން ނެތް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމި ނިންމުމުގައިވެ އެވެ.
ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އިސްމާއިލް ޝަފީއު އާއި ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ދީބާނާޒް ފަހުމީ އެވެ. އަދި އެ ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ.